އެއްވެސް ސަރުކާރަކުން ނުކުރާހާ ގިނަ ކަންކަން ށ. ފުނަދޫގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން، އެމަނިކުފާނުގެ ދައުރު ދެބައިނުވަނީސް އެކިއެކި ދަރަޖައިގައި ފަށާފައި ކަމަށް ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެ އެވެ.
ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދު މި ސަރުކާރަށް އެބައޮތް ކަމަށް ފާހަގަކުރައްވާ މަމްދޫހް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރު ދެބައި ނުވަނީސް އަމަލީ ގޮތުން ފަށާފައިވާ މަޝްރޫއުތަކާއި، ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން ފަށާ ނިންމާފައިވާ މަޝްރޫއުތަކުން ދޭހަވަނީ ތަރައްގީގެ ދުވެލީގައި އެހެން ސަރުކާރުތަކާ އަޅާ ކިޔާއިރު މި ސަރުކާރު އުޅެނީ މާ ބޮޑަށް ވެސް ކުރީގައި ކަމަށެވެ.
މަމްދޫހް ވިދާޅުވީ "އަދަދު" ނަމަކަށް ކިޔާ ނޫހެއްގެ ނޫސްވެރިޔާ، މި ސަރުކާރުގެ ތަރައްގީއާ ގުޅުވާ ފަތުރާފައިވަނީ ކަނޑައެޅިގެން ދޮގު ހަބަރެއްކަން ފުނަދޫގެ ލޮބުވެތި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގަތުމުން މުޅި ރާއްޖެ އަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.
ށ. އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވާ ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ގައެވެ. އެ ދަތުރުފުޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. އަދި ބައެއް މަޝްރޫއުތައް ފަށައި އެއްބައި މަޝްރޫއުތައް ވަނީ ނިންމާ ހުޅުވާފަ އެވެ. ށ. އަތޮޅަށް އެމަނިކުފާނު ވި އެންމެ ބޮޑު ވައުދަކީ އެ އަތޮޅުގެ ތިން ރަށަގެ އެއާޕޯޓު އެޅުމެވެ. މި ދަތުރުފުޅުގައި ތިން އެއާޕޯޓުގެ މަސައްކަތް ފަށާފައިވާއިރު އެ ހުރިހާ އެއާޕޯޓެއްވެސް 2027 ގައި ނިންމާ ހުޅުވޭ ވަރު ވާނެ އެވެ.
މި ސަރުކާރުން ތަރައްގީގެ ދަތުރު ފަށާފައ މިވަނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އަމާޒުތައް ވާސިލް ކުރުމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޝްވަރާ މަތިން ކަންކަމުގައި ހޯއްދަވާ ކަމަށާއި ކަންކަން ދަނީ އެގޮތުގެ މަތިން ކަމަށް އެމަނިކުފާނު ވަނީ އެތައް ޖަލްސާ ތަކެއްގައި ތަކުރާރު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށާއި ތާވަލާ އެއްގޮތަށް ޑިފޯލްޓު ނުވެ ހުރިހާ ދަރަންޏެއް ވެސް ސަރުކާރުން ދައްކާނެ ކަމަށެވެ. އެގޮތުން 2026 ގެ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ވެސް ދައްކާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ނިމިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދަރާފައިވާ ފައިސާ ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ހަލާސް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.