ތިލަފުށީ ފަޅުގައި އޮތް ލޯންޗެއް ވަގަށް ނަގައި ގެއްލުންދިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 30 އަހަރާއި 27 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުުން އެ ދެ މީހުންނަށް ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
އަމުރުގައި ވަނީ އެ ދެ މީހުން ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ތިލަފުށީ ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށް ފަހު ގެއްލުންދީ އިންޖީނު ގިއަރެއް ވަގަށް ނެގިކަމަށް ތުހުމަތުކިރެވޭ ކަމަށް އަމުރުގައިވެ އެވެ. އަދި މައްސަލައިގައި ސީސީޓީވީ ސްނެޕްޝޮޓްތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.
އިތުރަށް އަމުރުގައި ވަނީ އެ ދެމީހުން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައި ކަމަށެވެ. އަދި ކުށްކުރެވުނީތީ ހިތާމަކުރާ ކަމަށް ބުނިކަމަށްވެސް އަމުރުގައިވެެ އެވެ.