ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެންބާއްވާ "ފެހި ދިރުން އެސްޕޯ" މާދަމާ ހަވީރު 16:00 ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި އެކްސްޕޯއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއާއި ދިރޭތަކެއްޗާ ގުޅުންހުރި މަސައްކަތްތައް އާންމުންނަށް ތައާރަފުކޮށްދިނުމުގެ އިތުރުން، އެ ދާއިރާތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ "ފެހި ދިރުން އެސްޕޯ" ގައި ދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ސްޓޯލް ތަކާއި، ދިރޭތަކެއްޗާއި ގުޅުންހުރި ސްޓޯލްތަކުގެ އިތުރުން، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުންވެސް ބައިވެރިވާނެކަމަށެވެ.
މީގެއިތުރުން ދޫނި ކާނާއާއި، ދޫނީގެ ވިޔަފާރި ކުރާ ފަރާތްތަކާއި، އާޓް ކްރާފްޓްގެ މަސައްކަތްތަކުގެ ސްޓޯލްތަކާއެކު، ރާއްޖޭގައި ހައްދާ ތަކެތިން އުފައްދާ ތަފާތު ވައްތަރުގެ ފިނި ބުއިންތަކާއި އަދި ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް މި އެކްސްޕޯގައި ހުންނާނެކަމަށް ވުޒާރާއިން ބެނެފައި ވެއެވެ.
އެ ވުޒާރާއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯދާލުމުގެ ފުރުސަތުތަކާއެކު ފޮޓޯ ޝެޝަންތަކާއި ދިރޭތަކެއްޗާ ގުޅޭ ކުއިޒެއްގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް މި އެކްސްޕޯގައި އާންމުންނަށް ބައިވެރިވެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މި އެކްސްޕޯ ކުރިޔަށް ދާނީ ހުޅުމާލެ ފޭސް-2 ގެ ރުއްގަނޑުގަ އެވެ.