އެމެރިކާއިން ޔުކްރޭނަށް ޓޮމާހޯކް ކްރޫޒް މިސައިލް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އިންޒާރުދެއްވުމާއި ގުޅިގެން ރައީސް ށޮނަލްޑް ޓްރަމްޕް މޮސްކޯއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
ކްރެމްލިން އާއި ޙަވާލާދެއްވައި މަސްދަރުތަކުން ބުނާ ގޮތުގައި ޕޫޓިން އިންޒާރު ދެއްވީ ޔުކްރޭނަށް ދުރު ރާސްތާގެ ޓޮމަހޯކް މިސައިލްތައް ފޯރުކޮށްދިނުމަކީ ރަޝިއާ އާއި އެމެރިކާ އާއި ދެމެދުގައި ބަދަހިވަމުން އަންނަ ގުޅުން މުޅީން ކެނޑިދާނެ ކަމެއް ކަމަށެވެ.
އެ ކޯލަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ އެ މައްސަލަ އުފެދިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ވިދާޅުވީ، އެމެރިކާގައި ވަރަށް ގިނަ ޓޮމާހޯކްސް ހުރި ނަމަވެސް ޔުކްރޭނަށް އެ ބާވަތުގެ މިސައިލެއް ދިނުމަށް އަދި ނުނިންމާ ކަމަށެވެ. އަދި ޕޫޓިން އާއި އެކު ކުރެއްވި މަޝްވަރާއަކީ "އުފެއްދުންތެރި" މަޝްވަރާއެއް ކަމަށް ސިފަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ އަމާޒަކީ ޞުލްޙަ ކަމަށް ވާއިރު، ޕޫޓިން ވަނީ އެމެރިކާގެ އެއްވެސް މިސައިލެއް ރަޝިޔާ ދެކޮޅަށް ޔުކްރޭނަށް ނުފޮނުވުމަށް ތަކުރާރު ކުރައްވާފައެވެ.
ޓޮމާހޯކް ކްރޫޒް މިސައިލްތަކުގެ “ލިމިޓެޑް” ޢަދަދެއް ޓްރާންސްފާ ކުރެވޭނެ ގޮތާއި ބެހޭ ގޮތުން ޕެންޓަގަން އާއި ނޭޓޯގެ ތެރޭގައި މަޝްވަރާތައް ކުރިއަށްދާއިރު، މިހާތަނަށް އަދި މިކަމުގައި ރަސްމީ ނިންމުމެއް ނިންމާފައެއް ނުވެއެވެ.