ޝަރުއީ އެއްވެސް އުޒުރެއްނެތި ނަމާދުކުރުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، މާތްﷲ އިސްލާމް ދީން ބާވައިލެއްވުމަށްފަހު އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރުތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ބާލިގުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، އެއީ ފިރިހެނަކަށް ވިޔަސް އަދި އަންހެނަކަށް ވިޔަސް، މުއްސަންޖަކަށް ވިޔަސް އަދި ފަގީރަކަށް ވިޔަސް ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވިޔަސް އަދި ބަލިމީހަކަށް ވިޔަސް އެއްވެސް މީހަކު އިސްތިސްނާވުމެއްނެތި މާތްﷲ ފަރުޟުކުރެއްވި އަޅުކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުހައްމަދުގެފާނުގެ ލޯފުޅުގެ ފިނިކަންކަމުގައިވީ ފަދައިން މުއުމިނުންގެ ލޮލުގެ ފިނިކަން ކަމުގައި ވާންޖެހޭކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. އެ ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުން އަދި ތަނބު ކަމަށާއި، ނަމާދު ދޫކޮށްލައިފިނަމަ އެ މީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.
މިއަދުގެ ހުކުރު ހުތުބާގައި، މާތްﷲ ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަގާމަށް މުހައްމަދުގެފާނު ގެންދެއްވުމަށްފަހުގައިކަމަށް ވަނީ ބުނެފަ އެވެ. އެއީ ހަތް އުޑުގެ ވެސް މަތިކަމަށާއި އެ ހިސާބަކީ މަލާއިކަތް ބޭކަލުންނަށްވެސް ކުއްތަންނުވެވޭ ހިސާބުކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ނަމާދު ފަރުޟުކުރެވުނީ، މުހައްމަދުގެފާނު ހަތް އުޑުގެ އެންމެ މައްޗަށް އުފުއްލަވައި، އެއްވެސް މެދުވެރިއަކު ނެތި ސީދާ އެކަލޭގެފާނަށް ބަސްވަހީކުރައްވައިގެން ކަމުގައި ހުތުބާގައި ވަނީ ބުނެފަ އެވެ. ނަމާދަކީ އެންމެ ފުރުތަމަ ފަރުޟުކުރެއްވުނު އަޅުކަން ކަމަށާއި އަދި އެއީ މުހައްމަދުގެފާނު އެކަލޭގެފާނުގެ އުންމަތަށް ކުރެއްވި އެންމެފަހު ވަސިއްޔަތްޕުޅުކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، ގިޔާމަތް ދުވަހު އެންމެ ފުރުތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ނަމާދެވެ. އަދި މީހެއްގެ ނަމާދުތައް ރަނގަޅުވެއްޖެނަމަ އެ މީހަކު އާހިރަތުގައިވެސް ކާމިޔާބުވާނެ ކަމަށާއި، އެހެންނަމަވެސް މީހެއްގެ ނަމާދުތައް ގޯސްވެއްޖެނަމަ އާހިރަތުގައި އެ މީހަކީ ގެއްލި ހަލާކުވެފައިވާ މީހެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ނަމާދުއަޅާ މީހުންނަށް މާތްﷲ ވައީދުގެ ބަސްފުޅު ވަހީކުރައްވާފައިވާކަން ފާހަގަކުރަމުން ހުތުބާގައި ވަނީ، ބަންގީގެ އަޑުއިވުމުން ނަމާދަށް އަވަސްވެގަނެ ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ނަސޭހަތްތެރިވެފަ އެވެ.