ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މަސްތުވާތަކެއްޗާއެކު ހދ. ހަނިމާދޫ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫ ގައި އިއްޔެ ކުރިއަށްދިޔަ ހިންގި އޮޕަރޭޝަނެއްގައި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަނިމާދޫ ޑޯންޝައިން، އަހުމަދު އަޒުމީ (40)އ އެވެ. އަޒުމީ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިންވެސް ހަނިމާދޫ އިން ހައްޔަރުކުރި މީހެކެވެ.
ފުލުހުން ބުނީ އަޒުމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނަ ހުރިތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 8.2ގ ހުރިކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އަޒުމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.