ޔަހޫދީން އަނިޔާދެމުންދާ ޣައްޒާގެ ޑޮކްޓަރަށް ކޮލަމްބިއާ އިން އެވޯޑު އަރުވަން ނިންމައިފި

ޢަބްދުﷲ ޖުނައިދު | 19 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 15:16
ކޮލަމްބިއާ ރައީސް ގުސްޓާވޯ ޕެޓްރޯ (ވ) ވިދާޅުވީ ޣައްޒާގެ ޑރ. އަބޫ ޞަފިއްޔާ(ކ) އަކީ ބަޠަލެއް ކަމަށާއި ބޮކާޔާ އެވޯޑް ދެއްވާނީ އޭނާއަށް ކަމަށް.
ކޮލަމްބިއާ ރައީސް ގުސްޓާވޯ ޕެޓްރޯ (ވ) ވިދާޅުވީ ޣައްޒާގެ ޑރ. އަބޫ ޞަފިއްޔާ(ކ) އަކީ ބަޠަލެއް ކަމަށާއި ބޮކާޔާ އެވޯޑް ދެއްވާނީ އޭނާއަށް ކަމަށް.
ޚުލާސާ

ޣައްޒާގައި ޒައެނިސްޓުން ޒަޚަމް ކޮށްލި އެތައްހާސް ރައްޔިތުންނަށް ފަރުވާދިން ކަމާލް ޢަދުވާން ހޮސްޕިޓަލްގެ ޑޮކްޓަރު ޙުސާމް އަބޫ ޞަފިއްޔާއަށް ކޮލަމްބިއާ ސަރުކާރުގެ އެންމެ ޝަރަފްވެރި އެވޯޑް އަރުވަނީ.

ކޮލަމްބިއާ ސަރުކާރުން އަރުވާ އެޤައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ އޯޑަރ އޮފް ބޮޔާކާ އެވޯޑް އިސްރާއީލުގެ ޖަލުގައި އަނިޔާ ލިބެމުންދާ ޣައްޒާގެ ޑރ. ޙުސާމް އަބޫ ޞަފިއްޔާ އަށް އަރުވަން ނިންމައިފި ކަމަށް، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިޢުލާން ކުރައްވައިފިއެވެ.

ޑރ.ޙުސާމް އަބޫ ޞަފިއްޔާ މިވަގުތު ހުންނެވީ ޔަހޫދީންގެ ޖަލުގައި ބަންދުކޮށްފައެވެ. އޭނާ އަކީ ޣައްޒާގެ އުތުރުގައިވާ ކަމާލް ޢަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރުވެސް މެއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް އިސްރާއީލުގެ ސިފައިން ޓޭންކަރުތަކުންނާއި ބަޑިން އެ ހޮސްޕިޓަލަށް ޙަމަލާދީ އެތަނަށް ބޮޑެތި ގެއްލުންތައް ދިނުމަށްފަހު އެތަނަށް ވަދެ، އެ ހޮސްޕިޓަލް ޙިޞާރުކުރިއެވެ. ހުރިހާ ނަރުހުންނާއި ޑޮކްޓަރުންނާއި ބަލިމީހުންވެސް އެތަނުން ބޭރަށް ނެރެން މަޖުބޫރު ކުރިއެވެ. ނަމަވެސް ޑރ. އަބޫ ޞަފިއްޔާ ވަނީ ބަލިމީހުންނާއި ޙާލު ދެރަވެފައިވާ ކުޑަކުދިން ދޫކޮށްލަން ދެކޮޅު ހައްދަވާފައެވެ. އެއާއި އެކު ހައްދުފަހަނައެޅި ރަޙުމްކުޑަ ޒައެނިސްޓު ސިފައިން ޑރ.އަބޫ ޞަފިއްޔާ އަށް އަނިޔާކޮށް މައިބަދަ އާއި މޭމަތީގައާއި އެކި ތަންތަނުގައި ތަޅައި ވަރަށް ރަހުމްކުޑަ އަނިޔާކުރިއެވެ. އަދި އިސްރާއީލުގެ ޖަލުގައި އޭނާ ބަންދުކޮށް، އޭނާ އަކީ ޙަމާސް އަށް އެއްބާރުލުން ދެމުންދާ މީހެއް ކަމަށް ބުންޏެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގައި ޙަމާސްގެ ހަނގުރާމަވެރިން ފޮރުވައިގެން ގެންގުޅޭ ކަމަށް ވެސް ޔަހޫދީން ތުހުމަތު ކުރިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ ހިމެނޭ ގޮތަށް އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމްޢިއްޔާތަކުން ވަނީ ވަގުތުން ޑޮކްޓަރު ދޫކޮށްލުމަށް އިލްތިމާސްވެސް ކޮށްފައެވެ. ނަމަވެސް ޔަހޫދީ ސަރުކާރުން ދަނީ މިއަދާއި ހަމަޔަށް އެކަމަށް އިންކާރު ކުރަމުންނެވެ.

ރައީސް ޕެޓްރޯ ވިދާޅުވީ އަބޫ ޞަފިއްޔާ އަކީ ބަޠަލެއް ކަމަށާއި ބޮމުގެ އަލިފާނުގެ ތެރޭގައި ވެސް އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޑރ. ޚިދުމަތްކުރަމުން ދިޔައީ ކުޑަކުދިންނަށާއި ބަލިމީހުންނަށް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށެވެ. އެހެންކަމުން ކޮލަމްބިއާ ސަރުކާރުން ދޭ އެންމެ ޝަރަފްވެރި ބޮކާޔާ އެވޯޑް ޑރ. އަބޫ ޞަފިއްޔާ އަށް އަރުވަން ނިންމާފައިވާ ކަމަށެވެ. އަދި އަބޫ ޞަފިއްޔާއަށް އަރުވާ އެވޯޑަކީ ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ އެންމެންނާއި އެކު ކޮލަމްބިއާ އޮތްކަމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%