ށ. އަތޮޅު ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެނބުރި މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަންނަވައިފަ އެވެ. އެގޮތުން ރައީސް ވަނީ ށ. އަތޮޅު. ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫގެ އިތުރުން މާއުނގޫދޫއަށް ވަޑައިގަންނަވައިފަ އެވެ. ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވައި، މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައިފަ އެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވައިފަ އެވެ.
ރައީސްގެ މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް ވަނީ ބައިވެރިވެވަޑައިގަނެފަ އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވައިފަ އެވެ.