ރޭ ހިނގި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމެއްދީގެން ކުރަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި، އޭގެން ދަތުރުކުރި އެކަކު ނިޔާވެފައި އޮއްވާ ފެނުނު ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި ގެއްލިފައިވާ ދެ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުމަށް އެދި ދުއާކުރައްވާ ކަމަށާއި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށް އަވަހަށް ޝިފާ ލިބި، އާންމު ހާލަތަކަށް އައުމަށް އެދި ދުއާކުރާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ހުރިހާ ފަޅުވެރީންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށާއި. ހުރިހާ ފަޅުވެރިންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައީސް ވަނީ މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެފަ އެވެ.
ރޭގެ ވަގުތެއްގައި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އޭގެން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކުރެވިފައިވީ ނަމަވެސް ދެންތިބި ތިން މީހުން ވަނީ ގެއްލިފަ އެވެ. ގެއްލުނު ތިން މީހުން ހޯދަމުން ދަނިކޮށް އޭގެން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މި ހާދިސާގައި ގެއްލުނު މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން ހިއްސާ ކޮށްފައި ނުވާތީ، ގެއްލިގެން ހޯދަމުން ދަނީ ކޮން ބައެއްކަމެއް އަދި މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ ކާކުކަމެއް ވެސް ނޭނގެ އެވެ.









