ށ. މިލަންދޫ ރައްޔިތުންނަކީ ރަށުގެ ތަރައްގީ އަށް ވަރަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ ރަށެކެވެ. ތަރައްގީއާ ޖެހުނީމާ ސިޔާސީ ފިކުރު އެއްކައިރި ކޮށްލަން އިނގޭ ވަތަނީ ރައްޔިތުން ދިރިއުޅޭ ރަށެކެވެ. އޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ހެއްކަކީ މިދިޔަ ވެރިކަމާއި މި ވެރިކަމުގައިވެސް އެ ރަށު ރަށްޔިތުންގެ މައިގަނޑު ޑިމާންޑަކަށް ވީ އެއް ކަމެވެ. އެ ރަށުގައި އެއާޕޯޓެއް އަޅައި ދިނުމެވެ. އަދި އެ އާދޭހުގައި މިއަދު މިވަނީ ކުލަ ޖެހެން ފަށާފަ އެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން އެ ރަށު ރަށްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގަ އެވެ. އެ ރަށު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ނަލަންދޫ ގައި ރިސޯޓެއް އަޅުއްވާނެ ކަމަށް 2019 ގެ މަޖިލިސް އިންތިހާބާ ދިމާކޮށް ވިދާޅުވި ނަމަވެސް ވެރިކަން ނިމުނު އިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ. އަދި ރިޔާސީ ކެމްޕެއިނުގެ ދަތުރުގައި ދެ ވަނަ ފަހަރަށް ސްޓޭޖަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ނަލަންދޫ އަށް އިންވެސްޓް ކޮށްފައި ތިބި ފަރާތްތަކަށް ބަދަލުދޭންޖެހޭ ކަންކަން ކުރިޔަށް އެބަދާ ކަމަށާއި އެ ރަށް ރިސޯޓަކަށް ބަދަލުކުރުމުގެ ކަންކަން ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި ރައީސް ސޯލިހު، މިލަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
60 ހެކްޓަރުގެ ނަލަންދޫ އަކީ އެކުއަކަލްޗާ ކުރާ ރަށެކެވެ. ރައީސް މައުމޫން ވެރިކަމުގައި 1999 ވަނަ އަހަރު އެ ރަށް ރ. ކަނދޮޅޮދޫ މީހަކާ ހަވާލުކޮށްފައިވަނީ ހުއިފިލަނޑާ ދިރުވާ އާލާ ކުރުމަށެވެ. އަދި ދީފައިވާ މުއްދަތު 2020 ގައި ހަމަވާން އޮއްވާ ރައީސް ނަޝީދުގެ ސަރުކާރުގައި އެ ރަށް ވަނީ 20 އަހަރަށް އަނެއްކާ ވެސް އެ މީހާ އަށް ދީފައެވެ.
ށ. ނަލަންދޫ. ދައުރު ނިމުނުއިރު ވެސް މި ރަށުގައި ރިސޯޓެއް ތަރައްގީ ކުރޭވޭ ގޮތެއް ރައީސް ސޯލިހަކަށް ނުވި. ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ
ދައްކަން މިއުޅެނީ އެހެން ވާހަކައެކެވެ. ނަލަންދޫ ރިސޯޓަކަށް ހަދާ ވާހަކަ ކޮންމެ ފަހަރަކު ރައީސް ސޯލިހު ތަކުރާރު ކުރެއްވީ އިންތިހާބަކާ ދިމާކޮށެވެ. އަދި އެކަން ނުވާނޭ ކަން އިނގުމުން ދެން އެ ރަށު ރައްޔިތުން ބޭނުންވީ އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށެވެ. ރިސޯޓެއްގެ ހުވަފެން ދޫކޮށްލާ އެ ރަށުގައި އެއާޕޯޓެއްގެ ބޭނުން ޖެހިފައިވާކަން ސަރުކާރަށް އަޑުއިއްވަދޭން ރަށު ރައްޔިތުން ވަނީ އޭރު ކެމްޕެއިނެއް ވެސް ހިންގާފަ އެވެ. އަދި އެއާޕޯޓެއް އަޅުއްވާދެއްވާނެކަން އިއުލާން ކުރާނެ ކަމަށް އުންމީދު ކޮށްގެން ތިބިނަމަވެސް ރިޔާސީ ކެމްޕެއިނަށް ފަހު ރައީސް ސޯލިހު ފުރީ އެ ރަށު ރައްޔިތުން މާޔޫސްކޮށްލާފަ އެވެ.
2024 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު މިލަންދޫ އަށް ވަޑައިގަތުމުން އަންހެން ކުއްޖަކު، މިލަންދޫ ރައްޔިތުން އެއާޕޯޓެއް ބޭނުންވާ ކަމަށް ބުނެ ރައީސަށް ކުރެހުމެއް އަރުވަނީ. ފޮޓޯ: ރައީސް އޮފީސް
ދެން އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނު ވަނީ އުންމީދެއް ނަމަވެސް އެ ރަށު ރައްޔިތުންނަށް ދެއްވާފަ އެވެ. ރައްޔިތުން އެދޭ ގޮތަށް ރަށުގައި އެއާޕޯޓެއް އަޅުއްވާ ދެއްވާނެ ކަމަށާއި އިތުރު ބޮޑެތި މަޝްރޫއުތައް ވެސް އިއުލާން ކުރެއްވި އެވެ. އަދި މަޖިލިސް ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ވިދާޅުވީ ތަރައްގީގެ ކަންކަން ކުރުމަށް އެމަނިކުފާނަށް މަޖިލިސް ގޮނޑިތައް ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. އެކަން ވެސް ކޮށްދީފި އެވެ. ރިމޯޓް ދެން އޮތީ ރައީސްގެ އަތްޕުޅުގަ އެވެ.
ރައީސް ޑރ. މުޢިއްޒު އަށް މަރުހަބާ ދެންނެވުމަށް މިލަންދޫ ރައްޔިތުން ތައްޔާރުކޮށްފައިވާ ގިޑިގެ. މި ގިޑިގެއިން ވެސް ދައްކުވައިދެނީ އެއާޕޯޓެއްގެ މަންޒަރު. - ފޮޓޯ: ރައީސް އޮފީސް
ށ. މިލަންދޫގެ ބަނދަރުގައި ހަދާފަ ހުރި ގިޑިގެއިން ވެސް ފެންނަން އޮތީ އެ ރަށަށް ރައީސް ވައުދުވެވަޑައިގެންނެވި އެއާޕޯޓުގެ ރަމްޒެވެ. ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ރައީސް މިވަނީ މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާފަ އެވެ. މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން މިލަންދޫ އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިއީ މި ދަތުރުފުޅުގައި މި އަތޮޅުގައި ފެއްޓެވި އެއާޕޯޓުގެ ތިން ވަނަ މަޝްރޫއު އެވެ.
މިލަންދޫ އެއާޕޯޓުގެ މަޝްރޫއު ރަސްމީކޮށް ފެށުން. - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުން ތިބީ އެއާޕޯޓަކަށް ވަރަށް ބޮޑަށް ފެންބޮވައިގެންފަ އެވެ. ޕޯޑިއަމަށް އަރައި އެންމެ ފުރަތަމަ ވެސް އެމަނިކުފާނު ވިދާޅުވީ ރިޔާސީ ރޭހުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް މިވަނީ ފެށިފައި ކަމަށާއި، އެންމެ ބޮޑު ވައުދަކަށް މިލަންދޫ ރަށްޔިތުންނަށްޓަކައި އެމަނިކުފާނު ވި ވައުދަކީ އެއާޕޯޓް މަޝްރޫއު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ރަށާއި އަދި އެ ސަރަހައްދަށް އެއާޕޯޓެއް ގެނައުމަށްޓަކައި ދަތުރުފަތުރުގެ ދަތިކަމަށް ބަލާއިރު އިގްތިސާދީ ގޮތުންން ވެސް އަދި ހުރިހާ މާނައެއްގައި ވެސް އެ ރަށަށް އެއާޕޯޓެއްގެ މުހިންމުކަން އޭރުވެސް އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހުށަހެޅުން ގަބޫލުކުރެއްވީ އެގޮތަށް ވިސްނިގެން އެ ސަބަބުތަކަށްޓަކައި ކަމަށާއި އެއާޕޯޓެއް އެ ރަށަށް ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.
މިލަންދޫ ގައި އެއާޕޯޓެއް އަޅާނެ ގޮތާއި އެޅޭނެ ގޮތްތަށް ވަރަށް ބޮޑަށް ބެއްލެވި ކަމަށާއި ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނެ ގޮތް ބަލައި، އެ ހުރިހާ ކަމެއްގެ ދިރާސާތައް ވަނީ ކަމާބެހޭ ފަރާތްތަކުން ބައްލަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއާޕޯޓެއް އެޅުމަށްޓަކައި އަޅާނެ ތަނާއި އެ އޮރިއެންޓޭޝަން ވެސް ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސަބަބަކީ އެއާޕޯޓް އަޅާ ބިމުގެ ބޭނުން މެދު ރާސްތާއަށާއި ދުރު ރާސްތާއަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް އެއާޕޯޓް އެޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ މިހާރު ފައިނަލް ވެފައިވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށާއި މިހާރުގެ ބަނދަރު އޮތްތަން އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށާއި އެއާޕޯޓް ތަރައްގީ ކުރުމަށް އެމްއޭސީއެލް އާއެކު ވެވުނު އެއްބަސް ވުމުގެ ތެރޭގައި އެކަން ވެސް ކުރިޔަށް ދާނެ ކަމަށެވެ.
އެއާޕޯޓް އެޅުމަށް ހިއްކަނީ 40 ހެކްޓަރުގެ ބިން ވެސް ހިއްކާނީ އެމްއޭސީއެލް އިންނެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތަށް ބޭނުންވާނީ އެންމެ ގިނަ ވެގެންވެސް އަށް މަސް ދުވަސް ކަމުގައެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްއޭސީއެލް އިން މި އަހަރު ތެރޭ ތިން ޑްރެޖަރު ގެންނާނެ ކަމަށާއި، އޭގެ ތެރެއިން 11،000 ޓަނުގެ ޑްރެޖަރެއް މި މަސް ނިމުމުގެ ކުރިން، 40،000 ޓަނުގެ ޑްރެޖަރެއް ނޮވެމްބަރު މަހުގެ ތެރޭގައި، އަދި އިތުރު ޑްރެޖަރެއް ޑިސެމްބަރު މަސް ތެރޭގައި ގެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދުން ފެށިގެން 30 މަސްދުވަސް (ދެ އަހަރާއި ބައި) ތެރޭގައި އެއަޕޯޓުގެ އަމަލީ މަސައްކަތް ނިންމާ އެއާޕޯޓައި، ބަނދަރު އިރާދަކުރެއްވިއްޔާ ހުޅުވައި ނިންމާނެ ކަމަށެވެ. އެހެންކަމުން އެއީ 2028 ވަނަ އަހަރު އޭޕްރީލް ހިސާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަންދޫ އަށް ވަޑައިގަތުމުން ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް
ކޮންމެއަކަސް މިއީ މިލަންދޫ ރައްޔިތުންނަށް އުފާވެރި ދުވަހެކެވެ. ގިނައީ އިންތިހާބުގެ ދަހިވެތިކަމުގައި އަނގައަށް އައިހާ ވައުދެއް ވެ އިންތިހާބަށްފަހު އެ ވައުދެއް ގަސްތުގައި ނަމަވެސް ހަނދާން ނެތިކޮށްލާ ވެރިންނެވެ. އޭގެ އެންމެ ބޮޑު މިސާލަކީ ނިމިދިޔަ އެމްޑީޕީ ވެރިކަމެވެ. "ޖަޒީރާ ރާއްޖެ"، "އެޖެންޑާ 19" ފަދަ ސްލޯގަންތަކެއްގެ ފަހަތުގައި ވަނީ މަކަރާއި އޮޅުވާލުންކަން ގަބޫލުކޮށް 2023 ވަނަ އަހަރު އިތުރަށް އެ ޕާޓީ އަށް ފުރުސަތު ނުދިނުމަށް ރާއްޖޭގެ އުތުރުން ދެކުނަށް އަތުކުރި އޮޅާލި އެވެ. ށ. އަތޮޅުން ވެސް އެކަން ސާބިތުކޮށްދިނެވެ.
މިއަދު ރައީސް މުޢިއްޒު މި ސާބިތުކޮށްދިނީ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ސާފު، ހެޔޮ ނިޔަތެއްގެ ހިތެއް އޮވެގެން ކަމަވެ. މިއަދު އެމްޑީޕީ އަށް ލިބުނު ފިލާވަޅަކީ ވައުދެއް ނުފުއްދާފިއްޔާ އެކަން އެމީހަކާ ކޮންމެވެސް އިރަކުން ބައްދަލުވާނެ ކަމެވެ. އެހެންކަމުން ވެރިކަމުގެ ދަހިވެތިކަމުގައި ވައުދު ނުވާށެވެ. ފުއްދޭނެ ވަރުގެ ވައުދު ވާށެވެ. ތިމާއަށް ވުރެ ބޮޑެތި ވައުދުތައް ވަންޏާ ވެއްޓޭނީ ވެރިކަމެވެ. އެންމެ ބޮޑު ބާރަކީ ރައްޔިތުންނެވެ.