އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށްނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުުމަތުކުރެވޭ ހަތަރު މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެތެރެކުރިކަން ފަޅާއެރީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފައި ހުއްޓާ ވަގަށްނެގި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި ކަސްޓަމްސްގެ މުވައްޒަފަކާއި މިފްކޯގެ މުވައްޒަފެއް ހިމެނެ އެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ:
- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް، އާއްޓޭ (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު، ދިގަލި (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)
މިމީހުންގެ ތެރެއިން އަހުމަދު އާރިފް އާއި، ޒިވާރު އިސްމާއިލް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި މުހައްމަދު ވަހީދު 10 ދުވަހަށް، މުއާޒު އަލީ ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.









