މިލަންދޫ އެއާޕޯޓުގެ މަސައްކަތް ފަށައިފި، ރައީސް ވިދާޅުވީ 30 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިމޭނެ ކަމަށް

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 18:06
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިއަދަކީ މިލަންދޫގެ ވަށާޖެހޭ ތަރައްގީގެ ބިންގާ އެޅިގެންދިޔަ ދުވަސް ކަމަށް

ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް ށ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެއްބަސްވުމުގައި ސޮއިކޮށް އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

މިލަންދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިލަންދޫގައި މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށާއި އެއާޕޯޓު ތަރައްގީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށްވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެރަށުގެ ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިލަންދޫގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ އެންމެހައި ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްވެސް މިއަދު ވަނީ ފަށައިފަ އެވެ.

އެގޮތުން، މިލަންދޫގައި 50 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫގެ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން މިލަންދޫގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށައިފަ އެވެ. އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު ވަނީ ފަށައިފަ އެވެ.

މި މަޝްރޫއުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތްކުރާނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައި ކަމަށާއި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު މިލަދުންމަޑުލު އުތުރުބުރިއަކީ އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމަށްވާތީ އެ އަތޮޅުގައި ގާއިމުކުރާ ދެވަނަ، ޕަބްލިކް ވޯކްސް ޔުނިޓު ގާއިމުކުރާނީ މިލަންދޫގައި ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހު، މިލަންދޫގައި ވެމްކޯގެ ހިދުމަތް ފަށައި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ހިދުމަތްވެސް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%