ފުނޑާލާފައިވާ ޣައްޒާގެ ޢާންމު ރައްޔިތުން އެނބުރި ގެތަކަށް އަންނައިރު މައްސަލަތައް ދިމާވާނެތީވެ ދުވަސްކޮޅަކަށް ޙަމާސް އަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައިވާ ކަމަށާއި، ނަމަވެސް އޭގެ ނާޖާއިޒް ފައިދާ ނަގައި ޙަމާސްއިން އަނެއްކާވެސް ބާރު ގަދަކުރަން މަސައްކަތްކޮށް ހަތިޔާރުތައް ބަހައްޓަން ދެކޮޅުހަދާ ނަމަ ދެން އޮތީ ޙަމާސް އާއި ދެކޮޅަށް ހަނގުރާމަކޮށް ޙަމާސް ނައްތައިލުން ކަމަށާއި، އެމެރިކާ ސިފައިން ޣައްޒާ އަށް އަރައި ޙަމާސްގެ އަތުން ހަތިޔާރުތައް އަތުލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބުނެ، ޙަމާސް އާއި ދެކޮޅަށް ހަނގުރާމަ އަލުން ފަށަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޣައްޒާގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމަށް ކަމަށް ބުނެ އެމެރިކާއިން ފޮނުވާފައިވާ 200 ހަނގުރާމަވެރި ސިފައިން ހިމެނޭ ލަޝްކަރެއް މިހާރު އިސްރާއީލުގައި އެބައޮތެވެ. އެ ލަޝްކަރުގައި ޕައިލެޓުންނާއި ސްނައިޕަރުންނާއި ޓަނަލްތައް ގޮއްވާލުމުގައި ޙަރަކާތްތެރިވާ ޚާއްޞަ ޓްރެއިނިންގ ހަދާފައިވާ މީހުންނާއި އެއްގަމުމަގުން ހަނގުރާމަކުރާ އެކްސްޕާޓުން ވެސް އެބަތިއްބެވެ. އެހެންކަމުން، “މޮނިޓަރ” ކުރުމަށް ކަމަށް ބުނެ އެމެރިކާއިން އިސްރާއީލަށް ފޮނުވާފައިވާ ލަޝްކަރަކީ އިތުރަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ ނަމަ އެކަމުގައި ޙަރަކާތްތެރިވާނެ ލަޝްކަރެއް ކަމަށް ނުރަސްމީ ބައެއް މަސްދަރުތަކުން ބުނެއެވެ.
އިސްރާއީލުން ވެސް ބުނެފައި ވަނީ އެއްބަސްވެފައިވާ ގޮތަށް ޙަމާސް އިން ހަތިޔާރުތައް ނައްތާލުމަށް ދެކޮޅު ހަދާނަމަ، ދެން އޮތީ ޙަމާސް އާއި ދެކޮޅަށް އަލުން ހަނގުރާމަކޮށް ޙަމާސް ނައްތައިލުމެވެ. އަދި އެކަމުގައި އިސްރާއީލުން މަސައްކަތް ކުރާނީ އެމެރިކާގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ ބުނެފައެވެ.
ދެއަހަރަށް ވުރެ ދިގުލައިގެން ދިޔަ ޣައްޒާގެ ހަނގުރާމަ ހުއްޓައިލީ އިސްރާއީލަށް ހަނގުރާމައިގައި ކުރި ނުލިބުމުން އެމެރިކާއިން ޙަމާސް އާއި އެކު ޑީލެއް ހަދައިގެންނެވެ. އެއީ ރަހީނުކޮށްފައިވާ ހުރިހާ އެންމެން މިނިވަންކޮށް، ޙަމާސްއިން ޣައްޒާގެ ވެރިކަން ދޫކޮށްލާގޮތަށާއި، އަދި ޙަމާސްގެ ހަތިޔާރުތައްވެސް ނައްތައިލާމަތިންނެވެ. ބަދަލެއްގެ ގޮތުން އިސްރާއީލުގެ ޖަލުތަކުން ފަލަސްޠީން ރައްޔިތުން މިނިވަންކޮށް އިސްރާއީލްގެ ސިފައިން ވެސް ފަހަތަށް ޖެހޭނެ ކަމަށް އެއްބަސްވެފައި ވާއިރު، ގަދަކަމުން މުޤައްދަސް ބިމަށް ވެރިވެގަނެފައިވާ ނުބައިނުލަފާ ޔަހޫދީންނާއި ދެކޮޅަށް ހަތިޔާރުތައް ނުއުފުލައި އަދި ހަތިޔާރުތައް ނައްތައިލުމަށް ޙަމާސްއިން އެއްބަސްވިކަމެއް އެ ޖަމާޢަތުން ކަށަވަރުކޮށްފައެއް ނުވެއެވެ. ނަމަވެސް އެހެން ހުރިހާ ކަމަކަށް ޙަމާސް އިން ވަނީ އެއްބަސްވެފައެވެ.