ސިނގިރޭޓު ވަގަށްނެގި މައްސަލަ: ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ އާއްޓޭއާއި ދިގަލި

މުހައްމަދު ޖަމްޝަތު | 5 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 01:20
މުހައްމަދު ވަހީދު، ދިގަލި (ކ) އަދި އަހުމަދު އާރިފް، އާއްޓޭ (ވ)---
މުހައްމަދު ވަހީދު، ދިގަލި (ކ) އަދި އަހުމަދު އާރިފް، އާއްޓޭ (ވ)---
ޚުލާސާ

މި މައްސަލައިގައިި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް 4 މީހަކު ވަނީ ހައްޔަރުކޮށްފަ، ފުލުހުންގެ ތަހުގީގު އޮޕަރޭޝަންތައް އަދިވެސް ދަނީ ކުރިއަށް

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލާގައި ފުލުހުން މިރޭ ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) ކަން އެނގިއްޖެ އެވެ.

ފުލުހުން މިރޭ ހާމަކުރިގޮތުގައި އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށްވެސް ބުންޏެވެ.

"ޚުލާސާ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މި މައްސަލާގައި ދެން ހައްޔަރުކުރީ ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، މެދުރީގެ ހދ. ވައިކަރަދޫ އަދި ކަސްޓަމްްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ މުއާޒް އަލީ، ނިއު ހެޕިނެސް ކ. މާލެ އެވެެ.

ފުލުހުން ބުނިގޮތުގައި މިއީ އެމްޕީއެލް އިން ސިނގިރޭޓު ވަގަށް ނަގަން ރާވައި ހިންގުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުންނެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި މިރޭވެސް މި މައްސަލައާ ގުޅޭ އޮޕަރޭޝަނެއް ހިންގަމުންދާކަން ފުުލުހުން ވަނީ ހާމަކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%