ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި، ދެ ވިޔަފާރިވެރިއަކު ހިމެނޭ!

މުހައްމަދު ޖަމްޝަތު | 5 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 23:54
ހުޅުމާލެ އެމްޕީއެލް ބަނދަރު. އެމްޕީއެލްގައި ހުރި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަނީ ވަގަށް ނަގާފަ---ފޮޓޯ:ޚުލާސާ
ހުޅުމާލެ އެމްޕީއެލް ބަނދަރު. އެމްޕީއެލްގައި ހުރި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަނީ ވަގަށް ނަގާފަ---ފޮޓޯ:ޚުލާސާ
ޚުލާސާ

ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ބަނދަރުން ގެއްލުނުކަން އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން ފަޅާއެރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ.

އެ ސިނގިރޭޓް ދެ ކޮންޓެއިނާގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިރޭ މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސިނގިރޭޓު ވަގަށް ނަގަން ރާވައި ހިންގުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިރޭވެސް އޮޕަރޭޝަނަށް ކުރިއަށްގެންދާ ކަމަށާއި ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު އާއްމުކުރާނެ ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%