ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅާފައިވާ ވިސްނުންތައް ފެތުރުން ހުއްޓުވައި އެކަމަށް ހޭލުންތެރިކަން އިތުރުކުރަން ހާއްސަ ސިމްޕޯޒިއަމެއް ބާއްވައިފި

މުހައްމަދު ޖަމްޝަތު | 47 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 23:33
އައިއެމްސީޓީސީން ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން---ފޮޓޯ:އައިއެމްސީޓީސީ
އައިއެމްސީޓީސީން ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން---ފޮޓޯ:އައިއެމްސީޓީސީ
ޚުލާސާ

މިއީ އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމެއް

ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނައެޅުމާއި އިންހުރަސްކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ތައުލީމީ އަދި މުޖުތަމައުގެ ފަންނީ މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އައްޑޫ ސިޓީގައި ފިކުރީ ސިމްޕޯޒިއަމްއެއް ބާއްވައިފި އެވެ.

"ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނައެޅުން" މި ނަމުގައި އިއްޔެ ބޭއްވި އެ ސިމްޕޯޒިއަމްގައި ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ފިކުރީ އަދި ތައުލީމީ ދާއިރާގެ މާހިރުންނާއި ސަރުކާރާއި ތައުލީމީ މުއައްސަސާތަކުގެ މަންދޫބުންނާއި މަސްލަހަތުވެރިން ބައިވެރިވި އެވެ.

މި ސިމްޕޯޒިއަމްގައި ފުރަތަމަ މައުޟޫއުއަށް މައުލޫމާތު ދެއްވީ ސައުދީ އަރަބިއާގެ އުއްމުލްގުރާ ޔުނިވާސިޓީގެ ކޮލެޖް އޮފް ޝަރީއާ އިސްލާމިކް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ އުސޫލުލް ފިގުހުގެ ޕްރޮފެސަރު އަދި އަލްހަރަމް އަލްމައްކީ ކޮލެޖުގެ ޓީޗަރު ޑރ. އާރިފް ބިން އަވަދު އައްރިކާބީ އެވެ.

އޭނާ ވަނީ ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނައެޅުންތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ތަފާތު ވިސްނުންތައް ބަލައިނުގަތުމާއި އިޖުތިމާއީ ގޮތުން އެކަހެރިވުމާއި ހަގީގަތާއި އާންމު ކަންކަމާމެދު ހަރުކަށި މާނަކުރުންތައް ގެންގުޅުން ފަދަ ކަންކަން ވިދާޅުވެ ދެއްވި އެވެ.

އޭނާ ވިދާޅުވީ, ތައުލީމީ މާހައުލުގައި ފިކުރީ ހައްދުފަހަނައެޅުންތަކާ ކުރިމަތިލުމަށްޓަކައި ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ތަފާތުތައް ގަބޫލުކުރުމުގެ ސަގާފަތެއް އާލާކުރުމާއެކު ޒުވާނުންގެ ސިކުނޑިތަކުގައި ރަނގަޅު ގާނީނީ މަފްހޫމްތައް އަލުން ގާއިމުކުރުމަށް ބާރުއަޅަންޖެހޭ ކަމަށެވެ.

އައިއެމްސީޓީސީން ބޭއްވި ސިމްޕޯޒިއަމްގެ ތެރެއިން---ފޮޓޯ:އައިއެމްސީޓީސީ

ދެވަނަ މައުޟޫއުއެއްގެ ގޮތުގައި ތައުލީމީ މުއައްސަސާތަކުގައި ހައްދުފަހަނައަޅާ ދިއުން އިތުރުވަމުންދާ ސަބަބުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވީ މޮރޮކޯގެ އިންޓަނޭޝަނަލް އެންޑް ފިއުޗާ ސްޓަޑީޒް ސެންޓަރުގެ ވެރިޔާ ޑރ. ހާލިދު މަޔާރު އަލް އިދްރީސީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތައުލީމީ މުއައްސަސާތަކުގައި ހައްދުފަހަނައަޅާ ދިއުން އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި އާއިލާތަކުގެ ނާޒުކުކަމާއި ތައުލީމީ ދާއިރާގައި މަގުދެއްކުން މަދުކަމާއި ހައްދުފަހަނައަޅާފައިވާ ވިސްނުންތަކާއި ދަރިވަރުން ރައްކާތެރިކުރުމަށް އަވަހަށް ފިޔަވަޅު އެޅުމުގެ ސްޓްރެޖެޓީތަކާ ގުޅޭ ގޮތުން ޓީޗަރުން ތަމްރީނުވެފައިވާ މިންވަރު މަދުކަން ފާހަގަކުރެވެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޑިޖިޓަލް އަދި މީޑިއާތަކުން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ތަފާތު ވިސްނުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދެމެހެއްޓެނިވި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް ތައުލީމީ މުއައްސަސާތަކުގައި މޮނީޓަރިން އަދި ހޭލުންތެރިކުރުވުމުގެ ވަސީލަތްތައް ތަރައްގީކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ތިންވަނައަށް ވާހަކަދެއްކެވީ އެކްސްޓްރީމިޒަމް އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް ދިރާސާ ކުރައްވާ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މުހައްމަދު ހަލްފާން އައް ސަވީފާ އެވެ.

އޭނާގެ މައުޟޫއުގައި ވާހަކަދެއްކެވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މެދުގައި ފިކުރީ ހައްދުފަހަނައެޅުން ހުއްޓުވުމުގެ އުސޫލުތަކާ ގުޅޭ ގޮތުންނެވެ. އެ މައުޟޫއުގައި ވާހަކަދައްކަވަމުން މުހައްމަދު ހަލްފާން އައް ސަވީފާ ވަނީ ސްކޫލްތަކުގައި މެދުމިނުގެ އަދި ކެތްތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ދަރިވަރުންގެ ކިބައިން ފެންނަ އެކަށީގެންނުވާ އަމަލުތައް ދެނެގަނެ އަވަހަށް އެކަންކަމަށް ހައްލު ހޯދުމާއި ފިކުރީ ހައްދުފަހަނައެޅުން ފުރިހަމައަށް ހުއްޓުމަށްޓަކައި ސްކޫލްތަކާއި އާއިލާތަކާއި އަދި މުޖުތަމައުއާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.

މި ސިމްޕޯޒިއަމްގައި ޑރ. އާރިފް އަވާދު އަލް ރިކާބީ ވަނީ "ފިކުރީ ހައްދުފަހަނައެޅުމުގެ ނިޝާންތަކާއި އޭގެ ނުރައްކާތައް" މި މައުޟޫއުގެ ދަށުން އިލްމީ ލެކްޗާއެއްވެސް ދެއްވާފައިވެއެވެ. އެ ލެކްޗާގައި ފިކުރީ ގޮތުން ހިޔާލު ތަފާތުވާ މީހުންގެ ފަރާތުން ފެންނާނެ ނިޝާންތަކާއި ފިކުރީ ހައްދުފަހަނައެޅުމުގެ ނުރައްކާތައް ފާހަގަކުރެއްވި އެވެ.

އެގޮތުން ހައްދުފަހަނައަޅާދިއުމާއި ޓެރަރިޒަމް ފެތުރުމުގައި ޒުވާނުން ބޭނުންކުރުމާއި ދީނުގެ ހަގީގީ ސިފަ އޮޅުވާލުމާއި އިޖުތިމާއީ އަމާންކަމަށް ކުރިމަތިވާ ނުރައްކާތަކާއި ގައުމީ ސަލާމަތަށް ހީނަރުކަން އައުމުގެ އިތުރު ތައުލީމީ، އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރާ ނެދެވޭ އަސަރުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މި ސިމްޕޯޒިއަމް ނިންމާލީ އާންމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ މަޝްވަރާއަކަށްފަހު އެވެ. އެ މަޝްވަރާތަކުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ގިނަ ހުށެހެޅުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި:

  1. ތައުލީމީ މަންހަޖުތަކުގައި މެދުމިނުގެ ވިސްނުން ހިމެނުން
  2. ތައުލީމީ ދާއިރާގައި ފާޅުވާ ހައްދުފަހަނައަޅާފައިވާ ވިސްނުންތައް ހުއްޓުވުމަށް ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުން
  3. ހައްދުފަހަނައަޅައިގެން ގޮސްދާނެ ފަދަ އަމަލުތައް އަވަހަށް ދެނެގަނެ, އެކަންކަމާމެދު ފިޔަވަޅު އެޅުމަށް ސްކޫލްތަކާއި އާއިލާތަކާ ދެމެދު ވިލަރެސްކުރުމުގެ ނިޒާމުތައް ގާއިމުކުރުން
  4. ތައުލީމީ ދާއިރާގައި ހައްދުފަހަނައެޅުމާ ގުޅޭ ގޮތުން ކުރެވޭ އިލްމީ ދިރާސާތަކާއި ތަހުގީގުތައް އިތުރުކޮށް ވަރުގަދަކުރުން އަދި އެފަދަ ކަންކަމަށް ހިތްވަރު ދިނުން


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%