ރާއްޖެ ޑިފޯލްޓްވިޔަ ނުދޭނަން! ސުކޫކް އަންނަ އަހަރު އެއްކޮށް ދައްކާ ނިންމާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 13:22
ރައީސުލްޖުމްހޫރިއްޔާ، ށ. ބިލެތްފަހި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ދައްކަންޖެހޭ ލޯނެއް ވިއްޔާ މި ސަރުކާރުން ތާވަލާ އެއްގޮތަށް ދައްކަމުންދާނެ ކަމަށް. - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ށ. ބިލެތްފަހި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ދައްކަންޖެހޭ ލޯނެއް ވިއްޔާ މި ސަރުކާރުން ތާވަލާ އެއްގޮތަށް ދައްކަމުންދާނެ ކަމަށް. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ސުކޫކް ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި ދަރަނިތައް ދެއްކުމުގައި ޕްލޭނާއި އެއްގޮތަށް ކާބިޔާބުކަމާއެކު ކުރިޔަށްދާ ކަމަށް.

ސަރުކާރާ ހަވާލުވިއިރު ވާރުތަވެފައިވާ ދަރަނިތައް ދެެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި އިގްތިސާދަށްޓަކައި ރަށްރަށުގައި ކޮށްދޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢއްިޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް މި ދަނީ ދައްކަމުން ކަމަށާއި ބައެއް ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތައް ހޯދުމުގެ ގޮތުން އަވައްޓެރި ގައުމުތަކާ މަޝްވަރާކުރެވިގެން ރަނގަޅު ގޮތްތަކެއް ހޯދަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރު ދައްކަން އޮތް އެންމެ ބޮޑު ލޯނު ކަމަށްވާ ސުކޫކް ޕޭމަންޓް ވެސް އެއްވެސް ކަންބޮޑުވުމެއް ނެތި ސަރުކާރުން ދައްކާނެ ކަމަށް ރައީސް ވަނީ ޖަލްސާ ގައި ވިދާޅުވެފައެވެ. "މިއަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓް ދެއްކުމުގައި ވެސް އަޅުގަނޑުމެން ބަރާބަރަށް ކުރަމުން މި ގެންދާ މަސައްކަތް ބާރު ސްޕީޑުގައި ޕްލޭނާއެކު ކާމިޔާބުވަމުން ދަނީ. މި ސަރުކާރަކަށް އެއްވެސް ކަންބޮޑުމުވެއް އިރާދަކުރެއްވިއްޔާ ނެތް އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ދެއްކުމަށް." ރައީސް ވިދާޅުވި އެވެ.
2021 ވަނަ އަހަރު ދިވެހި ސަރުކާރުން ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސީނިއަ އަންސެކިއުރޑް ސުކޫކުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު މާޗު މަހަށެވެ. މި ސުކޫކަށް އަހަރަކު ދެފަހަރު، އޭޕްރީލް އަދި އޮކްޓޯބަރު މަހު، ކޫޕަން ފައިސާ ދެއްކުމަށް ހަމަޖެހިފައިވާއިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހާ ހަމައަށް، ސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދައްކާ ނިންމާފައިވާކަމަށް މާލީ ވުޒާރާ އިން ބުނެފައިވަނީ މިދިޔަ ހަފްތާގަ އެވެ.
ރައީސް ވިދާޅުވީ ދަރަނިތައް ނުދައްކައިގެން ރާއްޖެ ޑިފޯލްޓު ނުވާނެ ކަމަށާއި ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ތަރައްގީ ސަރުކާރުން ހާސިލްކޮށްދޭނެ ކަމަށެވެ. އިގްތިސާދު ބާރު ސްޕީޑުގައި ގެންދެވޭ ގޮތްތައް ހަމަޖައްސައި ހުރިހާ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް ކަންކަން މަގުފަހިކުރަމުން ދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%