ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހީރިއްޔާ ޑރ މުހައްމަދު މުއިއްޒު، ތަކުރާރުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންނަށް މިފަދައިން ޔަގީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.
ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްގީކުރާ އެއްދާއިރާކަން ފާހަގަކުރައްވައި، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ސިއްހީ ދާއިރާއަށް އިސްކަންދީގެން، މިހާރުވެސް ކުރިއެރުންތައް ހޯދަމުން ގެންދަވާ ކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ށ. ނޫމަރާގައިވެސް ލެބޯޓްރީ ތަރައްގީކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މީގެއިތުރުންވެސް، އެ ރަށުގެ ތަރައްގީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް، ނިންމައި ދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ނޫމަރާގެ ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ކަންކަމަށް ރިއާޔަތްކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދޯނިއެހެލާނެ ސަރަހައްދަކާއި، މޫދަށް އެރޭނެ ސަރަހައްދެއްވެސް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ށ. ނޫމަރާގައި ކުރިއަށްގެންގޮސް ބައެއް މަޝްރޫއުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންދެއްވި އެވެ. އަދި ތައުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލު ތަރައްގީކޮށް ދޭނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިމަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. ހަމަމިއާއެކު އެރަށު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރްޓީއެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދައިދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.