ސީޝެލްސްގެ އިންތިހާބީ ރައީސް ޑރ. ޕެޓްރިކް ހަރމިނީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާއާއި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ކާމިޔާބަށް އެދިވަޑައިގެން، ހަރމިނީގެ ޒައާމަތުގައި ސީޝެލްސް އަށް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ސީޝެލްސް އާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުމަށް އަލިއަޅުވާލައްވާ ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ދޭދޭ މަސްލަހަތު އެކުލެވޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ޑރ. ހަރމިނީ އަށް ދުޅަހެޔޮ ސިއްހަތަކާއި، ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެން، އެގައުމުގެ ރައްޔިތުންނަށް ވެސް އުފާ ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފަ އެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 9 އިން 11 އަށް ކުރިޔަށް ގެންދިޔަ ސީޝެލްސްގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިދިކޮޅު ލީޑަރު، ޑރ. ހަރމިނީ، އިންތިހާބު ކާމިޔާބުކޮށްފައިވަނީ 52.7 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މިހާރުގެ ރައީސް ރަމްކަލަވަންސް އަށް ލިބިވަޑައިގެންނެވީ 47.3 އިންސައްތަ ވޯޓެވެ.









