ހަނގުރާމަ ހުއްޓަލާފައިވާއިރު، އިސްރާއީލުގެ ގޭންގަކުން ޣައްޒާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް އަދި ފޮޓޯ ޖާނަލިސްޓް ޞާލިޙް އަލްޖަފްރާވީ ރަހީނުކުރުމަށްފަހު ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.
ޞާލިޙް އަލް ޖަފަރާވީގެ ޝަހީދުކޮށްލާފައިވާ ހަށިގަނޑުގެ ކައިރީގައި ހުރެގެން ޕެރަމެޑިކުން އޭނާގެ ލޯ ޗެކްކުރަނީ - ޖަފަރާވީ ޝަހީދުކޮށްލީ އިސްރާއީލުގެ ގޭންގަކުން.
އިސްރާއީލުން ޣައްޒާ އަށް ބޮން އަޅައި ހިންގި ޖަރިމާތައް މެދުކެނޑުމެއް ނެތި ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދިޔަ އަލްޖަފްރާވީގެ އެކައުންޓްތައް އެތައް ފަހަރަކު ސަސްޕެންޑް ކުރިއެވެ. ޖަފްރާވީގެ އަޑު ކަނޑުވާލުމަށް ކުރަމުންދިޔަ މަސައްކަތުގެތެރޭގައި އޭނާގެ އިންސްޓަގްރާމް ދެއެކައުންޓް ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ޞާލިޙް އަލް ޖަފަރާވީ - ދެއަހަރާއި ތިންދުވަސް ވަންދެން އޭނާ ވަނީ މެދުނުކެނޑި ޣައްޒާގެ ޚަބަރުތައް ގެނެސްދީފަ.
މަސްދަރުތައް ބުނާ ގޮތުގައި ޖަފްރާވީ ރަހީނުކުރީ އިސްރާއީލުން ހަތިޔާރު ފޯރުކޮށްދޭ އަދި ފަލަސްޠީނުގައި ޤާއިމްވެގެން އޮންނަ ގޭންގެކެވެ. ބެލެވޭ ގޮތުގައި އެއީ މުރުތައްދު ގޭންގު ލީޑަރު ޔާސިރު އަބޫ ޝަބާބުގެ މީހުންނެވެ.
ޞާލިޙް އަލް ޖަފަރާވީ އަކީ ޣައްޒާގައި ހިންގި ޖަރީމާތައް މުޅި ދުނިޔެއަށް ހާމަކުރުމުގައި މެދުނުކެނޑި 2 އަހަރާއި 3 ދުވަސް ވަންދެން މަސައްކަތްކުރި، މީހުންނާއި ގުޅޭ ހިތްހެޔޮ، އަދި ޖަމާއަތުގައި އިމާމުވެ ނަމާދުވެސް ކުރާ ދީންވެރި އަޅުވެރިއެކެވެ.
އޭނާ ޝަހީދުކޮށްލީ، ރަހީނު ކުރުމަށްފަހު ގައިގެ އެކި ތަންތަނަށް ބަޑިން ޙަމަލާ ދީގެންނެވެ. މުޅިއެކު 7 ވަޒަން އޭނާގެ ގަޔަށް އަރާފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.