މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން 6 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ދުވަސް ކުރިން - 12 އޮކްޓޯބަރު 2025 12:58
މާރާމާރީ ހިންގުމުން ހައްޔަރުކުރި ހަތަރު މީހުން. ޝަރީއަތުން ގޮތެއް ނިމެންދެން މި ހަތަރު މީހުން ވެސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މާރާމާރީ ހިންގުމުން ހައްޔަރުކުރި ހަތަރު މީހުން. ޝަރީއަތުން ގޮތެއް ނިމެންދެން މި ހަތަރު މީހުން ވެސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި އެންމެން ވެސް ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ

މާރާމާރީގެ ދެ މައްސަލައާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މި ދެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހުންނަކީ:

  1. ގއ. މާމެންދޫ / މޯރާ، ތާއިފް ރަފީގު (26އ)
  2. ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް އަބްދުﷲ (25އ)
  3. ލ. ގަން / ތުނޑި. ރޯސްބަޑް، އަހުމަދު ނީޒާދު (29އ)
  4. ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާގް (19އ)
  5. ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ހުސައިން (22އ)
  6. ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަތީފް (24އ)

މި މީހުންގެ ތެރެއިން ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ހުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަތީފް (24އ) ހައްޔަރުކުރީ މި މަހުގެ ހަތްވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ޝަމާލް ހުސައިން (22އ) އާއި ރަޖުވާން ލަތީފް (24އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ގއ. މާމެންދޫ / މޯރާ، ތާއިފް ރަފީގު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް އަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަހުމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާގް (19އ) ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%