އިންސާނުންގެ އުޅުން ބައްޓަންކުރަން ޖެހޭނީ ގުރުއާނުގައި މާތްﷲ އަންގަވާފައިވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވީ، ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ގުރުއާން ކިޔެވުމުގައި ރީތި ރާގުތަކާއި ހަމަތަކުގެ މަތިން ކުރިއަށް ދިއުމުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަދުގެ ދަރިންނަކީ ގުރުއާން ކިޔަވަން ބޭނުންވާ އަދި އެއީ ފަހުރެއް ގޮތުގައި ދެކޭ ދަރިންތަކެއް ގޮތުގައިވުމަށް ބޭނުންފުޅުވާ ކަމަށާއި އަދި ސްކޫލްތަކުން އެންމެ އިސްކަމެއެއްދޭ ކަމެއްގެ ގޮތުގައި އެކަން ކަނޑައަޅައި މަސައްކަތްކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހެޔޮގޮތުގައި ކުރިއަށް ދިއުމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ގޮތް ކަމަށާއި، ތަގުވާވެރިވުމުގެ ގޮތުން މެނުވީ އިންސާނުންގެ މެދުގައި ތަފާތުވުމެއްނެތް ކަމަށެވެ. ދީނުގެ މަގުގައި ކުރިއަށް ދިއުމަށްނޫނީ ވާދަކުރުން އޮވެގެން ނުވާނެކަމަށް ވިދާޅުވަމުން ރައީސް ވަނީ މި މަތިވެރި މަގުސަދު ހާސިލްކުރުމުގައި އެންމެން އެއްވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"އަޅުގަނޑުމެންނަށް ފަލާހާ، ކާމިޔާބާ، ކުރިއެރުމާ ހުރިހާ ކަމެއްވެސް ދެ ދުނިޔޭގައިވެސް ލިބެން އޮތީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށް ގޮސްގެން. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ހުރިހާ ކަމެއް އެގޮތުގައި ކުރަން މަސައްކަތް ކޮށްގެން." --- ރައީސް ވިދާޅުވި އެވެ.
އެންމެ މުހިއްމު ކަމަކަށް ވާންޖެހޭނީ ރީތިކޮށް ގުރުއާން ކިޔެވުން އެއީ އެންމެ ފަހުރުވެރިވާ ކަމަކަށް ހަދަން މަސައްކަތްކޮށްގެން ކަމުގައި ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.









