ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވިކަމަށް ބުނެ ކުރަމުންދަނީ އެއްވެސް ހަގީގަތެއްނެތް ދޮގު ތުހުމަތެއްް ކަމަށް ފުލުހުން ބުނެފި އެެވެ.
އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ޝިމަން ރައީސް މުއިއްޒުއަށް އަވަހާރަކޮށްލަން ދޭހަވާގޮތަށް އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ފޯނު ހިފަހައްޓާފަ އެވެ. އެގޮތުން ބަލާ ފާސްކުރުމުގެ ކޯޓު އަމުރަކާއި ފޯނު ހިފެހެއްޓުމުގެ ކޯޓު އަމުރެއްގެ ދަށުން ޝިމަން ފާސްކޮށް ފޯނު ހިފެހެއްޓީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ.
ނަމަވެސް ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން ޝިމަންގެ ފޮޓޯއެއް މިއަދު އެކްސްގައި ލީކުކޮށްލުމާއެކު އޭނާވަނީ އެ ފޮޓޯއަކީ ފޯނުގައި ހުރި ފޮޓޯއެއް ކަމަށާއި ފޮޓޯ ލީކުކޮށްލީ ފުލުހުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޝިމަން އެކްސްގައި ކުރި ޕޯސްޓުގެ ސްކްރީންޝޮޓް---
އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ޑިޖިޓަލް ވަސީލަތް ހިމެނޭހެން ގެެނެވޭ ހެކި ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށާއި މި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރުކުރެވިފައި ކަމަށެވެ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ވީމާ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ފުލުހުން ތަހުގީގުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށް ބުންޏެވެ.









