ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލްއަށް ބަދަލުކޮށްފި

މުހައްމަދު ޖަމްޝަތު | 6 ދުވަސް ކުރިން - 10 އޮކްޓޯބަރު 2025 14:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޓްރޭޑްނެޓަކީ ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފި އެވެ.

ޓްރޭޑްނެޓުގެ ނަން ރައީސް ބަދަލުކުރެއްވީ އިއްޔެ ޝާއިއުކުރެއްވި އެމަނިކުފާނުގެ ގަރާރަކުންނެވެ.

ޓްރޭޑް ނެޓަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި 'ސިންގަލް ވިންޑޯ' އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެކުންފުނީގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރަން ރައީސް ނިންމެވީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށެވެ.

އެގޮތުން ސަރުކާރުގެ ޓެކްނޯލޮޖީއާއި އިނޮވޭޝަނަށް ހާއްސަ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގުމާއި، އެކުންފުންޏާއި ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވަނީ ބަޔާންކުރައްވާފަ އެވެ.

ޓެޖްނޮލޮޖީގެ ދާއިރާއިން ރާއްޖެ އިތުރަށް ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ޓްރޭޑްނެޓްގެ ދަށުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގެ ހިންގުމުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނުވަ ކައުންސިލެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެކުންފުނިންވަނީ ފަށާފަ އެވެ. އަދި 40 ކައުންސިލަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް އަންނަނީ އެކުންފުންޏާއެކު މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%