ހަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ދުވަސް ކުރިން - 10 އޮކްޓޯބަރު 2025 13:04
ޒިޔާރަތް މިސްކިތް. އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ވަަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޒިޔާރަތް މިސްކިތް. އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ވަަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ހަރާމް ގޮތުގައި ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު ސުވަރުގެއަށް ނުވަންނާނެކަމަށާއި، އެފަދަ މީހަކަށް އެންމެ އައުލާކަން ބޮޑީ ނަރަކަ ކަމަށް ހުތުބާގައި ވަނީ ބުނެފަ

ހަލާލު ގޮތުގައި މުދާ ހޯދުމަކީ، އެ މުދަލުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި، ހަލާލު ގޮތުގައި މުދާ ހޯދުމަކީ އިންސާނާގެ އަމަލުތައް މާތްﷲގެ ހަޒުރަތުގައި ގަބޫލުވެވޭނެ ކަމެއް ކަމަށާއި، އިންސާނާގެ ހަޔާތަށް އުފާވެރިކަމާއި ބާއްޖެވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

މާތްﷲ އިންސާނާއަށް ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ވަަނީ ބުނެފަ އެވެ. އިސްލާމް ދީނުގައި މުދާ ހޯދައި، މުދާ މިލްކުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި ބުނީ، ބާތިލު ގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށާއި، ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރުމަށް މާތްﷲ އަމުރުކުރައްވާފައިވާ ކަމަށެވެ. ސަބަބަކީ ހަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑި، އަމަލުތައް ގަބޫލުވެވުމަށް ހުރަސް އެޅިގެންދާނެއް ކަމެއްކަމުގައި ވާތީ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހަރާމް ގޮތުގައި ތަނަވަސްކަން ހޯދައިފިނަމަ، އެ މީހަކީ އަބާއްޖަވެރި މީހެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހަލާލު ގޮތުގައި ރިޒުގު ހޯދަން މަސައްކަތްކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މިއަދު މުޖުތަމައުގައި، އަހަރެމެންނަށް ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާ މެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމުން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި، ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަސްލަހަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި، މާތްﷲ އަށް ތަގުވާވެރިވެ، ރިވެތި ގޮތުގައި ރިޒުގު ހޯދުމަށް މާތްﷲގެ ހަޒުރަތުގައި އެދުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. މީގެ އިތުރުން ހަލާލު ތަކެތި ލިބިގަނެ، ހަރާމް ތަކެއްޗާ ދުލުހެލިވުމަށްވެސް ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%