ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސް ޝާއިއުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ޝާއިއުކުރި މި އެންޓްރީ ރިކުއަމަންޓްސްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ވަނީ ކަނޑައަޅާފަ އެވެ.
ސަރުކާރުން މިފަދަ އިސްލާހެއް ގެނެސްފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިއާޔަތްކުރުމަށްފަހު އެވެ.
މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ. ސަރުކާރުން މިގެނައި ބަދަލާ އެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބީތުކޮށް، އިގްތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ އެވެ.
ދިވެހީންނަށް ހާއްސަކުރެވިފައިވާ އިގްތިސާދީ ބައެއް ދާއިރާތައް:
ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުގެ ތެރޭގައި ދިވެހިންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތު ވެސް ހިމާޔަތްކޮށްދޭ އުސޫލުތަކެއް ވަނީ ހިމަނައިފަ އެވެ. މިގޮތުން، ދިވެހިންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަގަވާ ބައެއް ދާއިރާތައް މިހާރު ވަނީ ދިވެހީންނަށް ހާއްސަކޮށްފަ އެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެ އެވެ.
ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުން:
މި އިސްލާހުގެ މުހިންމު އެއް މަގުސަދަކީ ދިވެހީންނަށް އިގުތިސާދީ މިނިވަންކަން ހޯދައިދިނުމެވެ. އެގޮތުން ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ ގައުމުގެ އިގްތިސާދުގައި ދިވެހީން ބާރުވެރި ކުރުވުމަށެވެ.
ގައުމުގެ އިގުތިސާދީ ތަރައްގީގައި އެންމެންގެ ބައިވެރިވުންވެސް ހިމެނުމަށް ހިތްވަރުދޭ މި ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖައާ ކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ގައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
އިސްލާހުކޮށްފައިވާ މި ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އިދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފަ އެވެ. އަދި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރިވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.
މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކެއް ނޫނެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖޭ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއްވެސް މެއެވެ.