ކުރިއަށް ހަތަރު މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަަމަށާއި ކުރިޔަށް އޮތް ހަތަރު މަސްތެރޭގައި އެ އަމާޒަށް ވާސިލްވެ ރާއްޖޭގެ ހުރިހާ އަތޮޅެއް އެއް ނެޓްވޯކަކުން ގުޅުވާލާނެ ކަމަށެވެ.
"އާރުޓީއެލް ފެރީއަކީ ހުރިހާ އަތޮޅެއްގައި ކުރިޔަށް ގެންދަން ނިންމާފައި އޮތް ކަމެއް. ހަތަރު މަހެއްހާ ތެރޭގައި ހުރިހާ އަތޮޅެއްގައި އެކަން ވާނެ. އެންމެ ގިނަވިޔަސް ހަތަރު މަސް ދެން އޮތީ." ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި މަޝްރޫއުގެ ތެރެއިން މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ގާއިމުކޮށްފައިވަނީ 12 އަތޮޅެއްގައި އެވެ.
އިތުރަށް ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން އެމަނިކުފާނު އަރިހުން އެދުނު ކަންތައްތަކަކީ ސަރުކާރުން އެރަށުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ކަންތައްތައް ކަމަށެވެ. އެގޮތުން ސްޕޯޓްސް ފިޝިން ބޮއެ އެޅުމުގެ މަަސައްކަތް އޮތް ގޮތް މިނިސްޓްރީއާ މަޝްވަރާކޮށްގެން ބައްލަވާނެ ކަމަށާއި ސްކޫލުގެ 12 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލް 2027 ގެ ދިރާސީ އަހަރަށް ބޭނުން ކުރެވޭ ވަރަށް ނިންމާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.