ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވިކަމަށް ސާބިތުވެ، ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ޕީޖީ އޮފީހުން ބުނާގޮތުން، މި ފައިސާގެ ތެރެއިން 1,910 ޑޮލަރު ވަނީ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާ ހިއްސާވާ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.
މި މައްސަލާގައި ދައުލަތުން ބައްސާމުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާތަކެެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހުކުމް އިއްވަން ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވިގޮތުަގައި އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށާއި އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާ ކަމަށެވެ.
އަދި ބައްސާމް އާ ހަވާލުކޮށްގެން ޑޮލަރު މާރު ކުރުމުގެ އެކި މުއާމަލާތްތައް އެފްއޭއެމްއިން ކުރިން ވެސް ހިންގާފައިވާއިރު، އަދި އެ މައްސަލާގައި ހުށަހެޅި ހެކިތަކުން ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން އެނގޭ ކަމަށާއި ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށެވެ. ދައުލަތުން އެދުނު ގޮތަށް އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި މި މައްސަލާގައި ދައުލަތުން ބައްސާމްގެ މައްޗަށް ދެން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ހުކުމްކުރުން ފަހުގެ ތާރީހެއްގައި އޮންނާނެ އެވެ.