ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރ 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފި އެވެ. މި ސުކޫކުގެ ކޫޕަން ފައިސާ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް އަދި އޮކްޓޯބަރު މަހު ދައްކަންޖެހޭއިރު ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އޭޕްރިލްގަ އެވެ.
ސުކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ ފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، ސުކޫކުގެ ޖުމްލަ އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި މިސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.
ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ.
ނިމިދިޔަ ސަރުކާރުގައި ދައުލަތުގެ ދަރަނި އިތުރުވެ ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ ކަމަށްވާ “މޫޑީސް” އިން ވަނީ އޭރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވަރަށް ބޮޑަށް ދަށްކޮފައެވެ. އަދި އެއާއެކު އޭރުގެ ސަރުކާރުން ވަނީ މޫޑީސް ކުށްވެރިކޮށްފައެވެ. ދަރަނި މެނޭޖްކުރުމަށްޓަކައި އަދި އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި މި ސަރުކާރު ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލާ ބައިނަލްއަގްވާމީ އިދާރާތަކުގެ ލަފަޔާއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އޭގެ ހެޔޮ ބަދަލު މިހާރު ވަނީ ފެންނަން ފަށާފަ އެވެ.






