އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި އޮތް ފޯނެއް ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ޅ. ހިންނަވަރި، އާވާޒް، މުހައްމަދު ގާސިމް (30އ) އެވެ.
މުހައްމަދު ގާސިމް ހޯދަމުންދަނީ ހުޅުމާލެ އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މުހައްމަދު ގާސިމްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9393351 އަށް ގުޅުއްވައި އޭނާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.









