އދ. އަތަފަރަކީ އެ އަތޮޅު ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ދަތުރުދިއުމަށް ބޭނުންކުރުމަށް ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަންޏާމީދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން ފާހަގަކުރެއްވި އެވެ. އެ ކަންކަމަށް ރިއާޔަތްކުރައްވައި، ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ހަންޏާމީދޫ ހިމެނޭ ސަރަހައްދުގެ އެހެނިހެން ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެ ރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުސޫލެއްގެ ދަށުން ހަންޏާމީދޫއާއި އަދި އެ ސަރަހައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެރަށް ބޭނުންކުރެވޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ހަންޏާމީދޫގެ ތަރައްގީއަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫއުތަކަށްވެސް އަލި އަޅުއްވާލެއްވި އެވެ. އެގޮތުން އެ ރަށުގެ ގޮނޑުދޮށްހިމާޔަތް ކުރުމުގެ މަޝްރޫއާއި ދޯނި އެހެލާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ދާދި އަވަހަށް، އެއް މަޝްރޫއެއްގެ ގޮތުގައި ފެށިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.









