މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރަން އޮޑިޓަ ޖެނެރަލަށް ލާޒިމްކޮށް އަދި މާލީ ބަޔާން ހުށަނާޅާ މިނިސްޓަރުންނަށް ފިޔަވަޅު އަޅާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އެ މަޖިލީހުން ބަލައިގެންފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިިހާރު އޮންނަނީ މިނިސްޓަރުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުޑޫ ހުށަހެޅުއްވި އިސްލާހަކީ އެ މާއްދާ އަށް އަކުރުތަކެއް އިތުރުކޮށް، މިނިސްޓަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އިތުރުން މަޖިލީހަށް ވެސް ހުށަޅަން ލާޒިމްކޮށް، ބަޔާންތައް އާއްމުކުރަން އޮޑިޓާ ޖެނެރަލަށް ލާޒިމު ކުރުމަށެވެ.
އެގޮތުން އެ އެއިސްލާހުގައި ބުނެފައިވަނީ، ވަޒީރުން ކޮންމެ އަހަރަކު އެއްފަހަރު އެ ވަޒީރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަންވާނެ ކަމަށާއި މާލީ ބަޔާން ހުށަހަޅަންޖެހޭނީ، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން ނުވަދިހަ ދުވަހުގެ ތެރޭގައި ކަމަށެވެ.
އަދި އެ މުއްދަތުގައި މާލީ ބަޔާން ހުށަނާޅައިފިނަމަ، ބަޔާން ހުށަހެޅުމާ ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ވަޒީރުން ހުށަހަޅާ މާލީ ބަޔާނަކީ، އިންސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައިކޮށްފައިވާ ބަޔާނަކަށް ވާންވާނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މި އިސްލާހުގެ އިތުރުން މަޖިލީހުގެ މެމްބަރުން މެންބަރު ކަމަށް އިންތިހާބުވާއިރު، މާލީ ހާލަތު ހުރި ގޮތް ހާމަކުރަން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މަޖިލީހުގެ އާއްމު ކޮމިޓީން އެ އިސްލާހާ މެދު ފަހުން ވިސްނަން ބޭއްވުމަށެވެ.
ތިން ވަނައަށް ކުޑޫ ހުށަހެޅުއްވީ މިނިވަން މުއަައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރަން ލާޒިމުކޮށް، އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް އެ އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.









