ފުލުހުންގެ ހިދުމަތުގައި އަންހެން ފުލުހުންގެ ލީޑަޝިޕް އިތުރުކުރުމަށާއި އަންހެން ފުލުހުންގެ ދައުރު ފުޅާކުރުމަށާއި އަންހެން ފުލުހުންގެ ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދިޔަ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޮކްޓޫބަރު މަހުގެ 4 އިން 6 އަށް ކްރޮސް ރޯޑުގައި ކުރިއަށްގެންދިޔަ މި ސަމިޓް ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަޕާސަން އައިޝަތު ނޫރައިން ޖަނާހް އެވެ. މިރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގެ ޗެއަޕާސަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތި ނަޝްވާ އާއި ފުލުހުންގެ ސީނިއަ އޮފިސަރުންނާއި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ސަމިޓުގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ 50 އަށްވުރެ ގިނަ ބައިވެރިން ބަނީ ބައިވެރިވެފަ އެވެ. އޭގެެތެރޭގައި ސަލާމަތީ އަދި ގާނޫނު ތަންފީޒީ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ހަތް އިދާރާއަކާއި އެކި ގައުމުތައް ހިމެނޭހެން 10 ފަރާތެއް ހިމެނެއެވެ. އެގޮތުން ޔޫއެންޑީޕީ، ޔޫއެން ވިމަން، އިންޓަޕޯލް، އިންޓަޕާ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ސަރަހައްދީ ބައިވެރިން ކަމަށްވާ އެފްބީއައި، އޭއެފްޕީ، ޑީ.އީއޭ، މެލޭޝިއާގެ ރޯޔަލް ފުލުހުން، ސިންގަޕޫރު ފުލުހުން، ސްރީލަންކާ ފުލުހުން، އިންޑިއާގެ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީ، ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް އަދި ބައިނަލްއަގުވާމީ އަންހެން ފުލުހުންގެ ޖަމިއްޔާތަކުންވެސް ބައިވެރިވެފައިވެ އެވެ.
މީގެ އިތުރުން، ބަންގްލަދޭޝް، ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް ސްޓޭޓްސް އަދި ޔުނައިޓެޑް ކިންގްޑަމްގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބައިވެރިން ވެސް މި ސަމިޓުގައި ބައިވެރިވެ، މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގެ ތެރެއިން---ފޮޓޯ:ފުލުހުން
ފުލުހުން ބުނީ މި ސަމިޓްގައި އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްގީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ. އަދި މި ސަމިޓުގައި ތަހުގީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށް ގެންދިއުމުގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ހިއްސާކޮށް ތަރައްގީކުރުމާ ގުޅޭގޮތުން ސެޝަންތައް ކުރިއަށް ގެންދިޔަކަމަށް ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސަމިޓްގެ ތެރެއިން ވަނީ އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ "ޗެލެންޖް ކޮއިން" އިފްތިތާހުކުރުމާއި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފޮތް ނެރުމުގެ އިތުރުން ސަލާމަތީ އަދި ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ ރާއްޖޭގެ ފަސް އިދާރާގެ މެދުގައި ލީޑަޝިޕް އަދި ކެޕޭސިޓީ ޑެވެލޮޕްމަންޓްގެ ދާއިރާއިން ޑިކްލަރޭޝަނެއްގައި ސޮއިކޮށްފަ އެވެ.









