ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރީ-އެމްޕްލޯއިމަންޓް ބިލު މަޖިލީހުން ބަލައިގަނެ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ރީ-އެމްޕްލޯއިމަންޓް ބިލު މަޖިލީހަށް ހުށަހެޅުއްވީ، ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު އެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބިލު މަޖިލީހަށް ބަލައިނުގަތުމަށް ވޯޓުދީފައިވަނީ އެންމެ މެމްބަރެއްކަން ފާހަގަކޮށްލަންޖެހެ އެވެ.
މި ބިލަކީ ދައުލަތުގެ ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން ޕެންޝަން ހައްގުވާ އުމުރަށް ފަހު، ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނަށް ދައުލަތުގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށާއި، މި ފަދަ ބިލެއްގެ ސަބަބުން ވަކި ހާއްސަ ހާލަތެއް މެދުވެރިވެގެން ވަޒީފާއިން ރިޓަޔާކުރައްވާ ގިނަ ބޭފުޅުންނަށް ފޮނި އުންމީދެއް ލިބިގެންދާނެ ކަމެއްކަމުގައި މި ބިލާ އެއްކޮޅަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ދެކިވަޑައިގަންނަވަ އެވެ.
މެމްބަރު ހަނާން ހުށަހެޅުއްވި މި ބިލުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާލާއިރު، ދައުލަތުގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަކު، ޕެންޝަން ހައްގުވާ އުމުރު ހަމަވުމަށްފަހު ވަޒީފާގައި ދެމިހުންނަން އެދޭނަމަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރީ-އެމްޕްލޯއިމަންޓްގެ ފުރުސަތު ފަހިކޮށްދިނުމަށް ވީވަރަކުން މަސައްކަތް ކޮށްދޭން ޖެހޭނެ އެވެ. މީގެ އިތުރުން، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދެވޭ މުވައްޒަފުންނަށް ތަފާތުކުރުމަކާ ނުލައި ފުރުސަތު ފޯރުކޮށްދޭފަދަ ވަޒީފާގެ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ ތަންފީޒުކުރަން ޖެހޭނެ އެވެ.
މި ބިލުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ރީ-އެމްޕްލޯއިމެންޓްގެ ދަށުން ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާއާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތައް ލިބިގެންދާނެ އެވެ.









