ރާއްޖެގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މިއަހަރު ރަށްތައް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އދ.ގެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މާމިގިލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ހަމަހަމަ ކަމަށާއި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދަނީ މެދު ރާސްތާ އަދި ދުރުރާސްތާއަށް ވިސްނައިގެން ކަމަށެވެ.
އަދި އެމަނިކުފާނު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ރައްޔިތުން އެދެމުންދިޔައީ އެއް ކަމަކީ އާއިލާތަކާއި ދަރިން ގޮވައިގެން ދަތުރުގޮސްލާނެ ޕިކްނިކް އައިލެންޑެއް ބޭނުންވާ ވާހަކަ ކަމަށާއި ސަރުކާރުން އެ މަސައްކަތް ފެށުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ރަށްތައް ކަނޑައަޅާ އެކަން ކުރަން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި ދެމެހެެއްޓެނެވި މޮޑެލެއްގެ ތެރެއިން އެކަން ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި (އެކަރުދާސް) ހުށަހަޅާނެ. އޭގައި ކަނޑައަޅަނީ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް، ޕިކްނިކް އައިލެންޑެއްގެ ގޮތަށް ތަރައްގީ ކުރުމަށާއި އެކަން މެނޭޖް ކުރާނެ ގޮތާއި ގުޅޭގޮތުން. ހަފްތާގެ ވަކި ދުވަސްތަކެއްގައި ފަތުރުވެރިން ގޮވައިގެން އެތަނަށް ދިޔުމަށް އަދި އާއިލާތަކަށް ވަކި ދުވަހެއްގައި ދެވޭގޮތަށް،" ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރައްޔިތުން ޕިކްނިކް ދާނެ ސަރަހައްދެއް ނުވަތަ ރަށެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ކޮންމެ އަތޮޅެއްގައި އެފަދަ ރަށެއް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ފުރަތަމަ ހާމަކުރެއްވީ ނިމިދިޔަ އޮގަސްޓު މަހު އ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.









