ދެއަހަރު ތެރޭ މެޚްރޮން އައްޔަން ކުރެއްވި ފަސްވަނަ ބޮޑުވަޒީރު ސިބޭސްޓިޔަން ލިކޮރްނިޔު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ފަރަންސޭސިވިލާތުގެ އައު ވަޒީރުންގެ މަޖިލީހަކާއެކު ސަރުކާރު އެކުލަވާލިތާ 14 ގަޑިއިރުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ ސަރުކާރު ވައްޓައިލާނެ ކަމަށް ބުނެ އިދިކޮޅުން ކުރަމުންދާ ޕްރެޝަރަށް ކެތް ނުކުރެވިގެންނެވެ.
ފަރަންސޭސި އިދިކޮޅު ޕާޓީތަކުން ބުނަނީ ރައީސް މެޚްރޮން ވެސް އިސްތިއުފާ ދެއްވުމަށެވެ.
ސިބޭސްޓިޔަން ލިކޮރްނިޔު އަކީ ރައީސް މެޚްރޮންގެ ގާތް އެކުވެރިއެކެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެކި ވަޒީރު މަގާމުތަކުގައި ފުރުއްވާފައެވެ. އޭނާ އަކީ މެކްރޮންގެ ސެންޓްރިސްޓް ކޯލިޝަންގެ ބޭފުޅެކެވެ.
ފްރާންސުގެ އެއްވެސް ޕާޓީއަކަށް މަޖިލީހުގައި އަޣުލަބިއްޔަތު ލިބިފައި ނުވެއެވެ. މިކަމުގެ ސަބަބުން ކޮންމެ ފަހަރަކު ބޮޑުވަޒީރަކު އައްޔަންކުރާތަނާ ސަރުކާރުތައް ވައްޓާލަނީއެވެ. މުހިންމު ޤާނޫނުތައް (ބަޖެޓް ފަދަ) ނުވަތަ އިޞްލާޙްތައް ފާސްކުރަން ވެސް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ނުކުޅެދިފައެވެ.