މި މަހުގެ ތިންވަނަ ދުވަހު މާލޭގައި، އެމްޑީޕީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ކުށްވެރި ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭ ގޮތަށާއި، އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ އަމަލަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގާ އަމަލުތަކަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ހިންގާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
ފުލުހުން މި މޭރުމުން ބުނެފައިވާއިރު އެމްޑީޕީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެއްވުމުުގައި، މުޒާހަރާގެ ބައިވެރިން ވަނީ ފެންފުޅިއާއި ގާ އުކައި ފުލުހުންގެ އާލާތްތަށް އެމީހުން އަތުން އަތުލައި އުކައި ހަދައިފަ އެވެ.






