އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، އެރަށު ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހަދާފައިވާ އުސޫލަކީ، އެންމެ ފުރިހަމައަށް ހަދާފައިވާ އެއްޗެއް ނޫންކަމަށެވެ. މިހާރު ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުސޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދިގުރަށު ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާނު ކުރާ ގޮތަށް އުސޫލު ބައްޓަންކޮށް، ހައުސިން މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެ ކަމަށެވެ. އަދި އެ އުސޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައީސް ވަނީ ދިގުރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
ދިގުރަށުގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމާފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫއާއި ސްކޫލުގެ އާ އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކުރައްވާފަ އެވެ. އަދި ދިގުރަށު ޕޮލިސް ޕޯސްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ސިއްހީ މަރުކަޒުގެ އޮފީސް އިމަރާތް ވަނީ ހުޅުވާފަ އެވެ.









