ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންނަށް އަޅާލައި އޯގާތެރި އަދި ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވެއްޖެ އެވެ.
ހަސަން މުފީދު މި މޭރުމުން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީ-އެމްޕްލޮއިމެންޓްގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މުފީދު ވިދާޅުވި ގޮތުގައި މި ބިލަކީ ދައުލަތުގެ ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން ޕެންޝަން ހައްގުވާ އުމުރަށް ފަހު، ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނަށް ދައުލަތުގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށެވެ.
މި ބިލު ގާނޫނަކަށް ވެގެންދިޔުމުން އެފަދަ ފަރާތްތަކާއި ސިވިލް ސާވަންޓުންނާ އެއްހަމަ ވެގެންދާނެ ކަމަށް މެމްބަރު މުފީދު ވިދާޅުވި އެވެ.
"މިފަދަ ގާނޫނެއްގެ ނުވަތަ ރީ-އިމްޕްލައިމެންޓްގެ މައިގަނޑު ހަމަތަކަކީ ވަޒީފާއިން ރިޓަޔާކުރާ ފަރާތްތަކާ އެހެނިހެން ސަބަބުތަކާ ހުރެ، ވަޒީފާ ދޫކޮށްލާފައިވާ ތަޖުރިބާކާރު ފަރާތްތަކަށް އަލުން ވަޒީފާގެ ފުރުސަތު ހުޅުވައިދިނުން." --- ނިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވި އެވެ.
މިއަދު ދިވެހިރާއްޖޭގައި 65 އަހަރުން މަތީގެ ގިނަ ފަރާތްތަކުގެ ބެލުމުގެ ދަށުގައި، ބަލަންޖެހޭ ދަރިން ނުވަތަ މީހުން ތިބި ކަމަށް ވެސް މެމްބަރު މުފީދު ވަނީ ވިދާޅުވެފަ އެވެ. މެމްބަރު މުފީދު އިތުރަށް ވިދާޅުވީ، މި ބިލުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި ރީ-އެމްޕްލޯއިމެންޓްގެ ދަށުން ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާއާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތައް ލިބިގެންދާނެ ކަމަށެވެ.
މެމްބަރު މުފީދު ވަނީ، ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީތީ އެކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.









