އައްޑޫ ސިޓީގައި ވަކި ވަކި ކައުންސިލްތަކެއް ގާއިމްކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ފޭދޫ، ހުޅުދޫ، މީދޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހްތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތްކަމަށެވެ.
އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނަގާނެ އެވެ. މި ވޯޓުގައި އައްޑޫ ހުޅުދު އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް ހިމަނާނެ އެވެ.
ވޯޓުލުން ކުރިއަށް ގެންދާނީ އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށެވެ. މި ވޯޓު ކުރިއަށްގެންދާނީ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފްތާ ބަންދުގެ ތެރެއިން ދުވަހެއްގަ އެވެ.









