އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ކުރިއެރުމެއް ހޯދައި ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭގޮތުން މިޞްރުގައި މިއަދު މަޝްވަރާތައް ފަށައިފިއެވެ. މިޞްރުން އިސްނަގައިގެން ކުރިޔަށްގެންދާ މި މަޝްވަރާތަކުގައި އިސްރާއީލާއި ހަމާސްގެ އިތުރުން އެމެރިކާ ވެސް ބައިވެރިވެއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަނީ ނުސީދާކޮށެވެ. މާނައަކީ ވަކިވަކިން މެދުވެރިން ތިބެގެންނެވެ. ޤާހިރާގައި މިހާރު ފަށާފައިވާ މަޝްވަރާގައި ހަމާސް ތަމްސީލު ކުރައްވަނީ އިސް ލީޑަރު ޚަލީލް އަލް-ހައްޔާއެވެ. އިސްރާއީލުގެ ޓީމުގެ އިސްވެރިއަކީ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑަރމަރއެވެ. އެމެރިކާގެ ވަފުދުގައި ހިމެނެނީ ފޮރިން މިނިސްޓްރީގެ މިސްރުގެ އޮފިޝަލުންނާ އެކު މުހިއްމު މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެންވޯއީ ސްޓީވް ވިޓްކޯފް އާއި ޖޭރެޑް ކުޝްނަރއެވެ.
މިހާރު ކުރިޔަށް ދަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާއި، ގައިދީން ބަދަލުކުރުމާއި، އަދި މުސްތަޤްބަލުގައި ޣައްޒާގެ ވެރިކަން ހިންގުމާއި ގުޅޭ ގޮތުން ކަމަށް ޚަބަރުތައް ލިބެއެވެ.
މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލަތީ ވަނީ ޓްރަމްޕްގެ 20 ނުކުތާގެ އޮނިގަނޑު ގަބޫލުކުރުމަށް ހަމާސްއަށް ޕްރެޝަރުކޮށްފައެވެ. ނަމަވެސް ހަމާސްގެ ލީޑަރުން ތިބީ ބައެއް ނުކުތާތަކަށް އުސޫލެއްގެ ގޮތުން އެއްބަސްވި ނަމަވެސް ހަތިޔާރު ނައްތާލުން ފަދަ ކަންކަމަށް އެއްބަސްވާ ގޮތަކަށް ނޫން ކަމަށް ރެއާއި ހަމަޔަށް ޚަބަރު ލިބެއެވެ.
ވޮޝިންޓަނުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މަޝްވަރާތައް ވަރަށް އަވަހަށް ކުރިޔަށް ގެންގޮސް (ކޮޅެއްގައި ޖައްސައި) ނިންމާލުމަށް ބުނެފައެވެ. އަދި ލަސްވާނަމަ ޙާލަތު އަލުން ގޯސްވުމުގެ ނުރައްކާ އޮތް ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ.
އެހެންކަމުން މިއަދުގެ ބައްދަލުވުން ނިމުމުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓްރަމްޕްގެ ޕްލޭން ކުރިއަށްދާނެތޯ ނުވަތަ ފުނޑުފުނޑުވެގެންދާނެތޯ ކަނޑައެޅޭނެ ކަމަށް ޑިޕްލޮމެޓުން އިންޒާރުދޭ ކަމަށް ވެސް ނުރަސްމީ ޚަބަރުތައް ބުނެއެވެ.