މާރާމާރީ ހިންގަން ބޭނުންކުރި ދެ ވަޅި ފެނުމުން އެއީ މަސް ބާނަން ބޭނުން ކުރި އެއްޗެއް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ނުރައްކާތެެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގައި އެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުން ވަނީ 15 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ބަންދުގައި ބަހައްޓަން ނިންމި ސަބަބުގައި ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ. އެގޮތުން ހާދިސާ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓް އަދި ސީން ފޮޓޯ އާއި ފެނުނު ދެ ވަޅީގެ ފޮޓޯ ހުށަހަޅާފައިވެ އެވެ.
ކޯޓު އަމުރުގައި ވަނީ އެ މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހަށް ދައުވާކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައި ކަމަށެވެ.