ފުޓްސެލް ކިންގް ހާއްޕެގެ ސާޖަރީ ހަރަދު ސަރުކާރާއި އެފްއޭމުން ކުރަނީ

އައިޝަތު ޝިފްނާ ހުސައިން | 61 ދުވަސް ކުރިން - 5 އޮކްޓޯބަރު 2025 12:42
ފޮޓޯ: ޚުލާސާ ގްރެފިކްސް
ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

ހާއްޕެއަށް އަނިޔާވެފައިވަނީ ނިމިދޔަ މަހު ބައިނަލްއަގްވާމީ މުބާރެއްގައި ކުޅެމުންދަނިކޮށް ފައިގެ ކުޑަހުޅަށް. ހާއްޕެގެ ފަރުވާއަށް 10،000 ޑޮލަރު އަރާނެ.

ރާއްޖޭގެ ފުޓްސެލްގައި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ދިވެހި ގައުމީ ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ)ގެ ފައިގެ ކުޑަ ހުޅަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެން އޭނާގެ ސާޖަރީއަށް ކުރަންޖެހޭ ހަރަދު ކުރުމަށް ސަރުކާރާއި އެފްއޭމުން ހަވާލުވެއްޖެ އެވެ.

ހާއްޕެއަށް އަނިޔާވެފައިވަނީ އޭޝިއަން ކަޕު ކޮލިފައިންގައި ނިމިދިޔަ މަހު މިޔަންމާ އަތުން 3-7 ގެ ނަތީޖާއިން ބަލިވި މެޗުގައެވެ. އެ މެޗުގައި އަނިޔާވެ ހާއްޕެ ވަނީ ފުރަތަމަ ހާފުގައި ދަނޑުން ބާލާފައެވެ. އަދި ވީހާވެސް އަވަހަށް ސާޖަރީ ކުރުމަށް ހާއްޕެ ބެއްލެވި ޑޮކްޓަރު ވަނީ އޭނާ އަށް ލަފާ ދީފައެވެ.

ކުލަބް މޯލްޑިވްސް ކަޕު ހުޅުވުމެގެ ރަސްމިއްޔާތުގައި ހާއްޕެ - ފޮޓޯ: ކުލަބް މޯލްޑިވްސް

މިދިޔަ ބުރާސްފަތި ދުވަހު އެފްއޭމްގެ ރައީސް އަހްމަދު ތޯރިގު ވަނީ ހާއްޕެއާ ބައްދަލުކޮށް އިންޑިއާއިން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ ޓީމުގެ މެނޭޖަރު ވެސް ވަނީ ހާއްޕެ ބޭނުންތާކުން އަނިޔާއަށް ފަރުވާ ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް ދީފައެވެ. އަދި އެނގިފައިވާ ގޮތުގައި ހާއްޕެ ހިޔާރުކޮށްފައިވަނީ ތައިލެންޑެވެ.

ހާއްޕެ އަނިޔާއިން ސަލާމަތްކޮށްދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެ އެ މޭރުމުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މޮސްޓާ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވާތީ އެފްއޭއެމްގެ ރައީސް ޓޮމް ވިދާޅުވެފައިވަނީ ހާއްޕެ ވަނީ ސާޖަރީ އަށް އިންޑިއާއަށް ފުރުމަށް އެއްބަސްވެފައި ކަމަށާއި އޮޕަރޭޝަނަށް ދާ ހަރަދާއި އެހީތެރިންގެ ގޮތުގައި ދެ ބޭފުޅަކު އަދި ތިބުމާއި ކެއުމުގެ ހަރަދު ކުރާނީ އެފްއޭމްގެ އިތުރުން އެންސްޕާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ހާއްޕެގެ ސާޖަރީއަށް 10،000 އެމެރިކާ ޑޮލަރު އަރާނެ އެވެ. މިދިޔަ އަހަރު ވެސް ހާއްޕެއަށް ބޮޑު އަނިޔާއެއް ލިބި ހަ މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ކުލަބް މޯލްޑިވްސް އިންތިޒާމް ކުރާ ފަރާތުން ކުޅުންތެރިޔާގެ އަގު ވަޒަންކުރުން - ފޮޓޯ: ކުލަބް މޯލްޑިވްސް

އަނިޔާގެ ސަބަބުން ހާއްޕެ އަށް ވަނީ މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕުގައި ކުޅުމުގެ ނަސީބު ގެއްލިފައެވެ. އަދި އަންނަ އަހަރު ބާއްވާ ގޯލްޑެން ފުޓްސަލް މުބާރާތުގައި ކުޅުމުގެ ފުރުސަތުވެސް ކުޑައެވެ. ކުލަބު މޯލްޑިވްސް ފެށުމުގެ ރަސްމިއްޔާތަށް ހާއްޕެ ވަނީ އަސާކޮޅުގައި ބައިވެރިވެފައެވެ. އަދި އޭނާއަށް ވަނީ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ވެސް އަރުވާފައެވެ. އެވަގުތު ހާއްފެގެ ލޮލުން ވަނީ ހިތާމައިގެ ކަރުނަ ފައިބައިފައެވެ. މުބާރާތުގައި ނުކުޅެވޭތީ އޭގެ ހިތާމައިގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%