މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހަވީރު 17:07 އެހާކަންހާއިރު ހުޅުމާލޭ ދެވަން ފިޔަވަހީގެ ހިޔާ ފުލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެޗް ހަތެއް ކައިރީގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ، 19 އަހަރުގެ އަންހެނަކާއި، 18 އަހަރުގެ އަންހެނަކާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން، 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަަމަށް ފުލުހުން އިތުރަށް ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.