ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވިގެންދާނެ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
މިއަދު ހަވީރު އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅިގެން ޓްރެފިކަށާއި ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ މުއައްސަސާގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެ މުއައްސަސާއިން އެދިފައިވެއެވެ.
ފުލުހުންގެ އިދާރާއިން ދޭތެރެ ދޭތެރެއިން އެކި އޮޕަރޭޝަންތަކަށް މާލެ އާއި ހުޅުމާލޭގެ ސަރަހައްދުތައް ބަންދުކުރެއެވެ. މިރޭ ބަންދުކުރަނީ ކޮން ސަރަހައްދުތަކެއްކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މާލޭގެ ސަރަހައްދުތަކެއް ފުލުހުން ބަންދުކުރަން ނިންމާފައިވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ދަނީ ގައުމު ހަލަބޮލިކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުން މީހުން ގެނެސް ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މީސްމީޑިއާގައި ބައެއް މީހުން ދަނީ މިރޭ ވެރިކަން ވައްޓާލާނެ ކަމަށްވެސް ބުނަމުންނެވެ. ނަމަވެސް ވެރިކަން ވައްޓާލުމަށް ބުއްދި ހަމަޖެހޭ އެންމެ ސަބަބެއްވެސް އެބޭފުޅުންނަށް ނުދެއްކެއެވެ.
މިރޭގެ އެއްވުން ސުލްހަވެރިކަމާއެކު ގެންދިއުމަށް ފުލުހުން ވަނީ އެ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.






