ތެދުދޮގު ބެލުމެއްނެތި ވާހަކައެއް ފެތުރުމަކީ އޭގެ ނަތީޖާ ހިތިވެދާނެ ކަމެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 13:34
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ދޮގު ވާހަކަ ނުފެތުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ--- ފޮޓޯ: އިންޓަނެޓް
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ދޮގު ވާހަކަ ނުފެތުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް އަމަލުކުރުމަކީ، އިންސާނާ ފާފަވެރިވެދާނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ

މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނި ގޮތުގައި، މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނެ ކަމެއް ކަމަށެވެ. އެ ވާހަކައެއްގެ ހަގީގަތަކީ ކޮބައިތޯ ބަލަން ޖެހޭނެ ކަމަށާއި، އެއީ ހަމަ ހިނގި ކަމެއްތޯއާއި އެއީ ކިހިނެއް ހިނގިކަމެއްތޯ ބަލަން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ. އިސްލާމް ދީނުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދެއްވާފައިވަނީ މިކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރާ އުޅޭކަމަށާއި، އޭގެތެރޭގައި މީހުން ބަދުނާމުވެ، މީހުންގެ އަބުރު ގެއްލޭ ޒާތުގެ ވާހަކަވެސް މަދުނޫން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރަން ވަރަށް ފަސޭހަ ޒަމާނެއްކަމަށާއި، މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރާލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެއް ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވާ ގޮތުގައި، ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް އަމަލުކުރުމަކީ، އިންސާނާ ފާފަވެރިވެދާނެ ކަމެކެވެ. އެހެންކަމުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ހުތުބާގައި ވަނީ ބުނެފަ އެވެ.

މީހުން ފަތުރާ ވާހަކައަކީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ނުބަލައި ބައެއް މީހުން ބަލަނީ އެ ވާހަކައެއް ފަތުރާލެވޭތޯ ކަމަށާއި، އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލާކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި އިތުރަށް ބުނީ، މުސްލިމުން ވާންޖެހޭނީ ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ވިއަސް، ސަވާބާއި ދަރުމަ ހޯދާބަޔަކަށް ކަމަށާއި، އޭގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެ ތެރެއަށް ވައްޓާލާ ބަޔަކަށް ނޫންކަމަށެވެ.

ދޮގު ވާހަކަ ނުފެތުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%