ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރުން ދިވެހި ކުންފުނިތަކަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދީ ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު ދިވެހި އިގުތިސާދު އޮތީ ފުން އަނދަވަޅެއްގެ ތެރޭގައި ކަމަށާއި އެ އަނދަވަޅުން އިގުތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ.
"17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން" ރައީސްގެ ޕޯސްޓުގައިވެ އެވެ.
ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މިދިޔަ ސަރުކާރުން ކުރުވި އެކި މަސައްކަތްތަކަށް ފައިސާނުދީ ހުރި ބިލުތަކަށް ފައިސާ ދެއްކެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު، އެ ބިކުތަކަށް ނުވަ ބިލިޔަނަށްވުރެ ގިނަ ރުފިޔާ ނިމިދިޔަ ސަރުކާރުން ނުދައްކަ އެވެ. އޭގެތެރޭގައި ސްކޫލްތައް ތަރައްގީކުރުމާއި މިސްކިތްތައް ހެދުމާއި އަދި އެނޫންވެސް އެތައް މަޝްރޫއެއް ހިމެނޭއިރު ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ 260 މިލިޔަނެއްހާ ރުފިޔާވެސް އޮތީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ނުދައްކަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށް، ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ސަރުކާރުން ދަނީ ދައްކަމުންނެވެ.









