މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ނޭޝަނަލް ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
ރައީސް ވަނީ މިއަދު ހަވީރު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވައި، ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މައުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިއު ވަޑައިގެންނެވި އެވެ.
މި ސްޓޭޑިއަމް ތަރައްގީކުރުމަށް ނިންމާފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި، ކުޅިބަލާ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަހައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަވޭޝަން ކޯނާ، ޖިމް، ޓެރަސް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރެންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށް ކަން ފާހަގަކޮށްލަންޖެހެ އެވެ. މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
ސަރުކާރުން އަންނަނީ ކުޅިވަރާއި ހަށިހެޔޮކަމަށް ހާއްސަ ކަމެއް ދީގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ފުޓްސަލް ދަނޑުތަކާއި ފުޓުބޯޅަ ދަނޑުތަކާއި، އައުޓްޑޯ ޖިމްތަކުގެ އިތުރުން ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުތައް އަންނަނީ ތަރައްގީކުރަމުންނެވެ.
މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ގާއިމުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.









