ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް ހޯދައިފައިވާ ދެ ޕެންޓްހައުސް އިތުރު އެއް އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އެތަން ހިފަހައްޓާފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި އެވެ. ކުރިން ކުރި އަމުރުގެ މުއްދަތު ހަމަވުމާއި ގުޅިގެން އިތުރު އެއް އަހަރަށް ހިފެހެއްޓުމަށް ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ.
ފުލުހުންގެ ބުނެފައިވަނީ، މި ދެ ފްލެޓަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ފްލެޓްތަކެއް ކަމަށެވެ. މި ފްލެޓްތަކަކީ ހުޅުމާލޭ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށާއި، މި ދެ ފްލެޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެޕާޓްމެންޓްތައް ހިފެެހެއްޓި މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމާފަ އެވެ.