ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑްގައި ކަމަށާއި ފައިސާ ޗާޕުނުކޮށް ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ގެންދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީން ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެގޮތުން ދައްކަންޖެހޭ ދަރަނިތައް ވެސް ދައްކައި، ކުރިއަށް ދައްކަން ހުރި ދަރަނިތައް ވެސް ޕްލޭންކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާންޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ޗައިނާއަށް ދައްކަންޖެހޭ ދަރަންޏަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އިންޑިއާއަށް ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރަމުންދާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓަށް ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އެއް އަހަރަށް އެގައުމުން މިހާރުވެސް ވަނީ ފަސްކޮށްދީފަ އެވެ.
"ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ ބޭރުގެ ދަރަނި ދައްކަމުން ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަ ހާލުގައި ޖައްސަން އެއްވެސް ޖާގައެއް ނުދޭނެކަމަށާއި އެ ހާލަތަށް ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހަވާލުވިިއިރު ރާއްޖޭގެ އިގުތިސާދު އޮތީ ހަލާކުވެ، ވަޅު ޖެހިފައިކަމަށާއި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކޮށް އެ އިގުތިސާދު ނަގާ ކޮޅަށް ޖަހަމުން ގެންދާ ކަމަށްވެއް އެމަނިކުފާނު ވިދާޅުވި އެވެ.